18 Mar 2013, 10:35
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހްމަދުގެ މައްޗަށް ފުލުހަކަށް ހަމަލާދިނުމިގެ ކުށުގެ ދައުވާ އުފުލައިފި އެވެ.
ދައުލަތުން ހުމާމްގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސި 6:45 އެހާކަންހާއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބުލޫބޭ ރެސްޓޯރަންޓް ކައިރީ ހުމާމް ހުއްޓައި ފުލުހަކު އެނާއާ ސުވާލުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމަށް އެދުމުން ނުކިޔަމަންތެރިކަން ދައްކައި ހަޑިހުތުރުބަހުން މުއާމަލާތްކޮށް ފުލުސް މީހާގެ މޭމަތީގައި އަތް އަޅައި ހުމާމް ކޮށްޕާލާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ހުމާމް ދައުވާ އަށް އިންކާރު ކޮށްފައިވާ ކަމަށެވެ.
"ހުމާމް ވަނީ ދައުލަތުން ކުރި ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އަށް އިންކާރުކޮށްފައި،" މަނިކު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް އެދައުވާ ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.
މީގެއިތުރުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ވެސް ހުމާމްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ.