18 Mar 2013, 10:18
އިޒްރޭލުގެ ޖަލެއްގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރި ފަލަސްތީނުގެ ގައިދީއަކު ގައްޒާއަށް ފޮނުވާލާފައިވާ ކަމަށް، ފަލަސްތީނުގެ އޮފިޝަލުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، 2012 ވަނަ އަހަރު އިޒްރޭލުން ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ އައިމަން ޝަރައުނީ ގައްޒާއަށް ފޮނުވާލާފައި ވަނީ 10 އަހަރު ދުވަސް ވަންދެން ގައްޒާގައި މަޑުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުން ނެވެ.
އިޒްރޭލުން މިކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކޮށްފައި ނުވާ ކަމަށް ރޮއިޓާސްއިން ބުނާ އިރު، ރޭގެ ދަންވަރުގެ ވަގުތެއްގައި އެމްބިއުލަންސެއްގައި ގައްޒާއަށް ޝަރައުނީ ގެނެސްފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނެ އެވެ.
ޝަރައުނީއަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުން ހައްޔަރުކުރުމަށް ފަހު، ހަމާސްއިން ރަހީނުކުރި އިޒްރޭލުގެ ސިފައިންގެ މީހެއްގެ ބަދަލުގައި 2012 ވަނަ އަހަރުގެ ކުރީކޮޅު މިނިވަންކުރި މީހެކެވެ. އެހެންނަމަވެސް މިނިވަންކުރިތާ މަސްތަކެއް ނުވެ، އިޒްރޭލުން ވަނީ ޝަރައުނީ އަނެއްކާވެސް ހައްޔަރުކޮށްފަ އެވެ.
ދެވަނަ ފަހަރަށް ހައްޔަރުކޮށް ޖަލަށް ލުމުން، ޝަރައުނީއާ އެހެން ގައިދީންތަކެއް ގުޅިގެން ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުތަކެއް ކުރަން ފަށާފަ އެވެ. އެމީހުންގެ ހަޅުތާލުތަކުގެ މަގުސަދަކީ އެއްވެސް ޝަރީއަތެއް ނެތި ބަންދުކޮށްފައި ތިބި ތިބުން ނިމުމަކަށް ގެނައުމެވެ.
ގައްޒާގެ ރައްޔިތުން ޝަރައުނީއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، އޭނާ އަށް މިހާރު ގައްޒާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަ ކަމަށް ހަމާސް އިން ބުނެ އެވެ.
މިއަންނަ ބުދަ ދުވަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޒްރޭލާއި ފަލަސްތީނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ އިރު، އިޒްރޭލުން ޝަރައުނީ މިނިވަންކޮށްފައި މިވަނީ އޮބާމާގެ ޒިޔާރަތުގެ ކުރިން މަސްރަހު ފިނިކުރުމަށް ކަމަށް ހަމާސްއިން ތުހުމަތުކުރެ އެވެ.