ވެރިކަމުގައި ތިބީ، ނުވަތަ ވެރިކަމަށް އަންނަނީ ކޮންމެ ބަޔަކަށް ނުވަތަ ކޮންމެ ޕާޓީއަކަށް ވިޔަސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރުކުރަން ނުޖެހޭ ކަން ސާބިތު ވެއްޖެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖޭގެ އިމިގްރޭޝަނަށް ހަދިޔާ ކުރި ސެކިއުރިޓީ ސިސްޓަމެއް ހަވާލުކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަފުޅު ދައްކަވަމުން މުލޭ ވިދާޅުވީ ކޮންމެ ބަޔަކު ނުވަތަ ކޮންމެ ޕާޓީއެއް ވެރިކަމުގައި ތިއްބަސް، ނުވަތަ ވެރިކަމަށް އަޔަސް، ދެގައުމުގެ ގުޅުމަށް ގެއްލުން ނުވާނެ ކަން މިހާރު ސާބިތު ވެއްޖެ ކަމަށެވެ.

"ކޮންމެ ބަޔަކު ސަރުކާރު ހިންގިޔަސް، ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ގެއްލުން ވާން ނުޖެހޭ ކަން މިކަމުން (ސެކިއުރިޓީ ސިސްޓަމް ހަދިޔާ ކުރުމުން) ސާބިތު ވެއްޖެ، ގެއްލުން ވާކަށް ވެސް ނުޖެހޭ،" މުލޭ ވިދާޅުވި އެވެ.

މުލޭ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ހުރިހާ ފެންވަރެއްގައި ވެސް ރަނގަޅު ނިޔަތް އެބަ އޮތް ކަމަށެވެ.
އަދި ވިދާޅުވީ ބައެއް ދާއިރާތަކުން ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އެރި ނަމަވެސް ދެ ގައުމުގެ ގުޅުން އޮތީ ވަރުގަދަކޮށް ކަމާއި ދަނީ ކުރިއަށް ކަން ގަބޫލުކުރެއްވޭ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި މައްސަލަތަކެއް ހިނގަމުން ދިޔަ އިރު އިންޑިއާގެ އިތުރު މަންޒިލްތަކާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށިފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިއްޔެ ހަދިޔާ ކުރި ސެކިއުރިޓީ ސިސްޓަމް ރާއްޖެ އަށް ހަދިޔާ ކުރެވޭތީ އުފާވެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން މުލޭ ނުސީދާ ގޮތެއްގައި ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި ގޮތަކީ އިންޑިއާ އިން ރުހޭ ކަމެއް ނޫން ކަމެވެ.

ވިދާޅުވީ "އެހާ އުފާ ނުވާ ކަހަލަ މަންޒަރުތަކެއް އެއާޕޯޓުން ފެނުމަށް ފަހު، މިއީ ވަރަށް ރަނގަޅު ބަދަލެއް" ކަމަށެވެ.

އިންޑިއާ އިން އިއްޔެ ހަދިޔާ ކުރި އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމް (އެޕިސް) އަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ ސިސްޓަމެއް ކަމަށާއި އެސިސްޓަމް ބޭނުންކޮށްގެން ދަތުރުކުރުމުގެ ކުރިން ޕަސިންޖަރުންގެ މައުލޫމާތާއި ބަޔޯމެޓްރިކް ޑޭޓާތައް ރައްކާކުރެވި، އަދި އެ ޕެސެންޖަރެއް ރާއްޖެ އައުމަށް ދަތުރުފެށުމުން އެ މައުލޫމާތު އިމިގްރޭޝަނަށް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި ބުނީ ކުރިއަށް އޮތް ދެތިން މަސް ދުވަހެއްގެ ތެރޭގައި ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް މުޅިން ނިމި ފުރިހަމައަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ. އެ ސިސްޓަމްގެ ސަބަބުން އިމިގްރޭޝަނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި އަންނަ ހުރިހާ ޕަސެންޖަރުން ސްކްރީން ކުރުމުގެ ބަދަލުގައި މައްސަލައެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ފާހަގަކޮށް އެފަދަ މީހުން ސްކްރީން ކުރުމަށް މަގު ފަހިވުން ހިމެނެ އެވެ.

"މިވަގުތު ގާތްގަނޑަކަށް ހުރިހާ އެންމެން ސްކްރީން ކުރަން ޖެހޭ، އޭގެ ތެރެއިން ގޯހީ ނޫނީ ބްލެކް ލިސްޓްގައި އުޅެނީ ކޮންބައެއް ކަމެއް ނޭނގޭ. މިސިސްޓަމްގެ ތެރެއިން (އެފަދަ މީހުން) ކުރިން އެނގުނީމަ، އެ މީހާ އައުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅެއް އެނގި އެމީހާ އައުމުގެ ކުރިން ކަންތައްތައް ނިންމާ ލެވޭނެ،" އެޕިސްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސީނިއަ އިމިގްރޭޝަން އޮފިސަރު އަލީ ސައީދު ވިދާޅުވި އެވެ.

އެސިސްޓަމް ހަދިޔާ ކުރުމުގެ ލިއުން އިމިގްރޭޝަނާ ހަވާލުކޮށްދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު އޮތް ރަސްމިއްޔާތުގައި މުލޭ އެވެ. އިމިގްރޭޝަންގެ ފަރާތުން ލިއުމާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ އަށް މިފަދަ ސިސްޓަމެއް ބޭނުން ވެފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މި ސިސްޓަމްގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ.