އާއްމު އިންތިހާބަށް ފަހު، އިޓަލީގެ ވެރިކަމުގެ ނިޒާމު މަރުތަޅު އެޅުވިފައިވާތީވެ ހުރިހާ ޕާޓީތަކުން އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުމުން އިޓަލީގެ ރައީސް ޖިއޯޖިއޯ ނަޕޯލިޓާނޯ ގޮވާލައްވާފައިވާ ނަމަވެސް، އިޓަލީގައި ވަރަށް އަވަހަށް އާއްމު އިންތިހާބުތައް އަލުން ބާއްވަން ޖެހޭނެ ކަމަށް އެ ގައުމުގެ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އިޓަލީގައި ބޭއްވުނު އާއްމު އިންތިހާބުތަކަށް ފަހު، ސަރުކާރެއް އެކުލަވާލެވިފައި ވަނީ އިޓަލީގެ އެއްވެސް ޕާޓީއަކުން ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައި ނުވުމުގެ ސަބަބުން ނެވެ.

މިމައްސަލައަށް ހައްލެއް ހޯދިފައި ނުވުމުން، ކުރިއަށް އޮތް މަސްތަކަކީ އިޓަލީގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެގެންދާނެ ދުވަސްކޮޅެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.

އިޓަލީގެ އާއްމު އިންތިހާބުތަކުގެ ނަތީޖާއަށް ބަލާލާ އިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އަޣުލަބިއްޔަތު ވަރަށް ހަނިކޮށް ލިބިފައި ވަނީ ވައަތު ފިޔައިގެ ޑެމޮކްރަޓިކް ޕާޓީއަށެވެ. އެހެން ނަމަވެސް، މަތީގޭގެ އަޣުލަބިއްޔަތެއް އެއްވެސް ޕާޓީއަކަށް ލިބިފައި ނުވުމުން އުފެދިފައިވާ މައްސަލަ ހައްލުކުރެވޭނީ ޕިއެރު ލުއިޖީ ބާސާނީގެ ޑެމޮކްރެޓިކް ޕާޓީއިން އިދިކޮޅު ދެ ޕާޓީ އިން ކުރެ ޕާޓީއަކާ އެކު ކޯލިޝަނެއް ހަދައިފި ނަމަ އެވެ.

ބަރުލަމާނީ ނިޒާމެއްގެ ދަށުން ސަރުކާރެއް އެކުލަވާލުމަށް ހުއްދަ ލިބޭނީ ގާނޫނު ހަދާ މަޖިލީހުގެ ދެގޭގެ އަޣުލަބިއްޔަތު ވެސް ލިބިގެން ކަމަށްވާއިރު، މިކަމަށްޓަކައި އިދިކޮޅު ޕާޓީތަކުން ހުށަހަޅަމުންދާ ޝަރުތުތައް ގަބޫލުނުކުރެވޭނެ ކަމަށް ޑެމޮކްރެޓިކް ޕާޓީއިން ބުނެ އެވެ.

އަނެއްކޮޅުން އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބަރުލަސްކޯނީގެ ޕާޓީއިން މަސައްކަތް ކުރަމުންދަނީ އަލުން އާއްމު އިންތިހާބުތައް ބޭއްވުމަށް އިޓަލީގެ ރައީސް ނަޕޯލިޓާނޯއަށް ފިއްތުމަށް ކަމަށް ބީބީސީ އިން ބުނެ އެވެ.

އަލުން އާއްމު އިންތިހާބުތައް ބާއްވާ ކަމަށްވާ ނަމަ، ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު، އެންމެ އަވަހަށް ވެސް އިންތިހާބެއް ބޭއްވޭނީ މިއަންނަ ޖޫން މަހުގެ ތެރޭގައި ކަމަށް އިޓަލީގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

އޭގެ ކުރިން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މިއަންނަ މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ނަޕޯލިޓާނޯގެ ރައީސްކަމުގެ ދައުރު ހަމަވާ މައްސަލަ އެވެ. ދައުރު ހަމަވާން މިހާ ކައިރިވެފައި ވުމުން، ނަޕޯލިޓާނޯ އަށް ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރެއް ނުލިބެ އެވެ. މިބާރު ލިބޭނީ ދެން އިޓަލީގެ ރައީސް ކަމާ ހަވާލުވާ ބޭފުޅަކަށެވެ.

އިޓަލީގެ ގާނޫނު އަސާސީގެ ދަށުން މައިގަނޑު ގޮތެއްގައި ޝަރަފުވެރި މަގާމެއް ކަމަށްވާ ރައީސްގެ މަގާމަށް ބޭފުޅެއް އައްޔަނުކުރުމަކީ ގާނޫނު ހަދާ މަޖިލީހުގެ ޒިންމާއެކެވެ.

ރައީސްގެ މަގާމަށް އައްޔަނުކުރާ މީހާ ކަނޑައެޅުމުގެ ބާރު ދޭ ނަމަ، ބާސާނީގެ ޑެމޮކްރެޓުންނާއެކު ކޯލިޝަން ހަދާނެ ކަމަށް ބަރުލަސްކޯނީގެ ޕާޓީއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ބާސާނީ ވަނީ މިކަމަށް ދެކޮޅު ހަދާފަ އެވެ.