15 Oct 2010, 09:56
ލ. ފޮނަދޫގައި ބަންގްލާދޭޝްގެ ބަޔަކަށް ބިރު ދެއްކުމަށް ފަހު އެ މީހުންގެ އަތުން ފައިސާތަކަކާއި ފޯނުތަކެއް ފޭރިގަނެގެން ރޭ ފިލަން މަސައްކަތް ކުރަނިކޮށް އެކްސިޑެންޓްވި ކާރުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފޮނަދޫގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ބައެއްގެ އަތުން ފައިސާތަކެއް ފޭރިގަނެގެން ފިލަން މަސައްކަތް ކުރި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ، ރޭގެ ވަގުތެއްގައި ކަމަށެވެ.
ބަނގުލަދޭޝްގެ މީހުންނަށް ބިރު ދެއްކުމަށް ފަހު، އެ މީހުންގެ އަތުން ބައެއް ސާމާނާއި ފައިސާތައް ފޭރިގަނެގެން ފިލަން މަސައްކަތް ކުރި ކާރު އެކްސިޑެންޓްވެ ކާރުގައި ތިބި ހަ މީހުންގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގަމުން ފުނަދޫ އަށް ދިޔަ ކާރު ރޭ އެކްސިޑެންޓްވީ ބާރު ސްޕީޑުގައި ފުލުހުންނަށް ފިލަން ދުއްވަނިކޮށް ކާރު ގޮސް މަގެއްގެ އެއްފަރާތުގައި ހުރި ކުނިގަނޑަކަށް އަރައި ރުކެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ކާރުގައި ތިބި މީހުން ބަންގުލްދޭޝް މީހުން އަތުން ފައިސާ ފޭރި އެމީހުންނަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފޮނަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.