ދުނިޔޭގެ ގައުމުތަކުން ފަގީރުންގެ ނިސްބަތް ކުޑަވަމުންދާ ކަމަށާ ކުރިޔަށްއޮތް ވިއްސަކަށް އަހަރު ތެރޭގައި އެންމެ ޙާލުގައިއުޅޭ ފަގީރުން ދުނިޔޭގައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ކުރި މިދިރާސާ ބުނާ ގޮތުން އެންމެ ޙާލުގައި އުޅޭ ފަގީރުންގެ ނިސްބަތް އެފްރިކާގެ ބައެއް ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކުންނާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައިވަނީ ދަށަށް ގޮސްފަ އެވެ.

އަނެއްކޮޅުން ދުނިޔޭގެ ފަގީރުންގެ ޙާލަތާބެހޭ ގޮތުން މިދިޔަ ހަފްތާގައި އދ. ން ނެރެފައިވާ ރިޕޯޓު ބުނާ ގޮތުން ވެސް ފަގީރުކަން ކުޑަކުރުމުގައި ކުރިން ހީކުރެވިފައިނުވާ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އދ.ގެ ރިޕޯޓްގައިވާ ގޮތުން ދުނިޔޭގައި އެންމެ ފަގީރު 40 ގައުމުން ވަނީ ވަރަށް ޙާލުގައި އުޅުނު އެތައް މިލިޔަން ފަގީރުން ފަގީރުކަމުން ސަލާމަތްކޮށް މެދުފަންތީގެ ޙާލަތަށް އެމީހުން ގެނައުމުގައި ޚިޔާލަށް ވެސް ކުރިން ގެނެވިފައިނުވާ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކޮށްފަ އެވެ.

އޮކްސްފޯޑްގެ ދިރާސާ ޝާއިޢުކޮށްފައިވާ އިނގިރޭސިވިލާތުގެ "އޮބްޒާވަރ" ނޫސް ބުނާ ގޮތުން ފަގީރުކަން ކުޑަކުރުމުގައި ދުނިޔޭގެ ގައުމުތަކަށް މިހާބޮޑު ކާމިޔާބީއެއް ޙާސިލްކުރެވިފައި މިވަނީ އެތެރެއާއި ބޭރުގެ އެހީތަކާ އެކު އެގައުމުތަކުން ފަށާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން ވިޔަފާރީގެ ބޮޑެތި އިންވެސްޓްމަންޓްތަކާގުޅިގެންނެވެ. މިގޮތުން ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަމާއި ކަރަންޓް ފޯރުކޮށްދިނުމުގެ ބޮޑެތި މަޝްރޫޢުތަކާއި ތަޢްލީމާއި ސިއްޙަތާބެހޭ މަޝްރޫޢުތަކުގެ އިތުރުން ވަޒީފާ އިތުރުކުރުމަށް ކުރެވިފައިވާ ދަނޑުވެރިކަމާއި ސިނާޢަތުގެ ބޮޑެތި އެތަށް މަޝްރޫޢުތަކެއްގެ ސަބަބުން ދުނިޔޭގައިވާ އެންމެ ފަގީރު 40 ގައުމުގެ އެތަށް މިލިޔަން ފަގީރުން، ފަގީރުކަމުން ސަލާމަތްކުރެވި މެދުފަންތީގެ ދިރިއުޅުމުގެ ފެންވަރަށް އެމީހުން ޙާލަތު ރަނގަނޅު ކުރެވިފައިވަނީ މިމަޝްރޫޢުތަކުގެ ސަބަބުން ކަމަށް އޮބްޒާވަރ ނޫސް ބުނެ އެވެ.
މިފަދަ މަޝްރޫޢުތަކުން ފަގީރުކަން ކުޑަކުރުމުގައި ކާމިޔާބު ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި ސްރީލަންކާ، އިންޑިޔާ، ބަންގްލަދޭޝް، ކޮލަންބިޔާ، ރުވަންޑާ، ބުރުންޑީ، ޕާކިސްތާން، އިތިއޮޕިޔާ އަފްޣާނިސްތާން، ބޮލީވިޔާ، ޓެންޒެނިޔާ، ގާނާ އަދި ނޭޕާލް ހިމެނޭކަމަށް އޮބްޒާވަރ ބުނެ އެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ ދިރާސާއަށް ބަލާއިރު 2013 ގައި ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރެވެނީ 1.6 ބިލިޔަން ފަގީރުންނެވެ. މި 1.6 ބިލިޔަން ފަގީރުން ބެހިފައިވަނީ 100 ގައުމަށެވެ. މީގެތެރެއިން 40 އިންސައްތަ ފަގީރުން ދިރިއުޅެނީ އިންޑިޔާ، ބަންގްލަދޭޝް، ޕާކިސްތާން، ނޭޕާލް އަދި މިޔަންމާފަދަ ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ އަދި 33 އިންސައްތަ ފަގީރުން ދިރިއުޅެނީ ސަބްސަހަރަން އެފްރިކާގެ ގައުމުތަކުގަ އެވެ.
ދުނިޔޭގެ ގައުމުތަކުން ފަގީރުންގެ ނިސްބަތް ކުޑަކުރުމުގައި އެގައުމުތަކުގެ އަމިއްލަ ވިޔަފާރިވެރިންގެ ދައުރު ވަރަށް ބޮޑުކަމަށް ކަމާބެހޭ ދިރާސާތަކާއި ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.