18 Mar 2013, 09:32
ނިއުދިއްލީ (މާޗް 18): މިދިޔަ ހަފްތާގައި އިންޑިޔާގައި ރޭޕްކޮށްލާފައިވާ ސްވިސްޓްޒަލޭންޑްގެ އަންހެންމީހާ ރޭޕްކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފިކަން އިންޑިޔާގެ މަދިޔާ ޕްރަދޭޝްގެ ފުލުހުން ހާމަކޮށްފި އެވެ.
މަދިޔާ ޕްރަދޭޝްގެ ގާތިޔާ ސަރަޙައްދުގެ ފުލުހުންގެ އިނިސްޕެކްޓަރަކާ ޙަވާލާދީ ބީބީސީ ބުނި ގޮތުގައި ސްވިސްޓްޒަލޭންޑްގެ އަންހެންމީހާ ރޭޕްކުރުމުގައި ބައިވެރިވެފައި ވަނީ ހަތް މީހުން ނޫނީ އަށް މީހުންގެ ގޭންގަކުން ކަމަށް ބެލެވޭ ކަމަށާއި މީގެތެރެއިން ހަ މީހަކު ހައްޔަރުކުރެވިފައިވާ ކަމުގަ އެވެ. އުމުރުން 40 އަހަރުގެ، ސްވިސްޓްޒަލޭންޑްގެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ މަދިޔާ ޕްރަދޭޝްގެ ފަގީރު ހިސާބެއްގައި އޭނާގެ ފިރިމީހާއާ އެކު ބައިސްކަލް ދުއްވަމުންދަނިކޮށް ކަމަށް ކުރިން އެސްޓޭޓްގެ ފުލުހުން ބުނެފައިވެ އެވެ.
އަންހެންމީހާ ރޭޕްކޮށްލާފައި ވަނީ އޭނާގެ ފިރިމީހާއާ ދެމީހުން ހައްޔަރުކުރުމަށް ފަހު ފިރިމީހާ ބަނދެފައި އޭނާގެ ކުރިމަތީގައި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ރޭޕްކުރުމުގެ ޖަރީމާ ހިންގި ގޭންގް ގްރޫޕުން ވަނީ އަންހެންމީހާ އާއި އޭނާގެ ފިރިމީހާގެ އަތުގައިވާ ފައިސާއާއި މޯބައިލް ފޯނާ އެނޫން ވެސް އެދެމަފިރިންގެ ޕާސަނަލް ތަކެތި ފޭރިގެންފަ އެވެ. ރޭޕްކުރުމުގެ ސަބަބުން އަންހެންމީހާ އަށް ލިބިފައިވާ ޖިސްމާނީ ގެއްލުންތަކަށް ފަރުވާ ހޯދުމަށް އޭނާ ވަނީ މަދިޔާ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި ހަތަރު ދުވަސްވަންދެން އެނދުމަތިކޮށްފަ އެވެ. އިއްޔެ އެއަންހެންމީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްޚަބަރު ލިބެ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ސްވިސްޓްޒަލޭންޑްގެ މިދެމަފިރިން އިންޑިޔާ އަށް އައިސްގެން އުޅެނީ ފަތުރުވެރިންގެ ގޮތުގައި ތަންތަން ބަލާލުމަށެވެ. މިގޮތުން މަދިޔާ ޕްރަދޭޝްގެ ދާޓިޔާ ސަރަހައްދުގައިވާ ޖަންގައްޔެއްގެ ކައިރީގައި ކޭންޕެއް ޖަހައިގެން މިދެމަފިރިން އުޅެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. ސްވިސްޓްޒަލޭންޑްގެ އަންހެން މީހާ ރޭޕްކޮށްލާފައި މި ވަނީ އަންހެނުން ރޭޕްކުރުމުގެ ޖަރީމާ އިންޑިޔާގައި ހައްދުފަހަނަޅާ މިންވަރަށް އިތުރުވެފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ދުވަސްވަރެއްގަ އެވެ.
އިންޑިޔާގައި އާންމުވެފައިވާ ރޭޕްކުރުމުގެ ޖަރީމާތައް އެގައުމުގެ ޢާންމުންގެ ސަމާލުކަމަށް އެންމެ ބޮޑަށް އައިސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ދިއްލީގެ ފަސިންޖަރު ބަހެއްގައި ގޭންގް ގްރޫޕަކުން އިންޑިޔާގެ ޒުވާން އަންހެނަކު ރޭޕްކޮށްލި ޖަރީމާއާ ގުޅިގެންނެވެ. މިޖަރީމާގެ ޝިކާރައަކަށްވި އަންހެންމީހާ އަށް ސިންގަޕޫރުގައި ފަރުވާދެމުން ގެންދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ވަނީ މަރުވެފަ އެވެ. (ބީ.ބީ.ސީ)