ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމްތަކަކާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގައި ނިޒާމީ މައްސަލަ ނަންގަވައި، އިދާރީ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލިސް މެދުކަނޑާލައިފި އެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ނިޒާމު ގެއްލުމުގެ ސަބަބުން މިއަދުގެ ޖަލްސާ މެދުކަނޑާލުމަށް ފަހު ދެން މަޖިލިސް ފަށާނީ 10:00 ޖަހާއިރު ކަމަށެވެ.

މިއަދުގެ ޖަލްސާ ފެށީ މަޖިލީހަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓުން އިއްވެވި ހުކުމްތަކަށް މަޖިލީހުގެ ތަޅުމަށް އިއްވަވަމުންނެވެ. ރިޔާސަތުން މަޖިލީހުގެ ތަޅުމަށް އިއްވެވި ކަންތައްތަކަށް ފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ.

ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުން އަންގާހާ ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ މަގާމަށް މަޖިލީހުން މިއަދު މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް މަޖިލިސް ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ލައްވާ މަޖިލީސް ރޭޕްކުރާ އުސޫލުން މަޖިލީސް ކުރިއަކަށް ނުގެންދެވޭނެ. މިއަދުން މިއަދަށް ސިވިލް ސާވީސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން މި މަޖިލީހުން އިއުލާން ކުރަން ޖެހޭނެ. އެނޫން ގޮތަކަށް މިމަޖިލީހެއް ނުހިންގޭނެ، ތި ބޭނުންހާ ގޮތް ގޮތަކަށް. ތިބޭފުޅުންނާއި ތިބޭފުޅުންގެ ކޯލިޝަނުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ކޯޓުތަކުގައި އޮތީމަ ކޯޓުތައް ދެކެ ބިރު ގަތަސް އަޅުގަނޑުމެން ކޯޓުތައް ދެކެ ބިރެއް ނުގަނޭ. މި ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ބާރު ކަނޑުވާލުމުގެ ބާރު އަޅުގަނޑުމެން ތިއްބަކާ ނުދޭނަން،" އަލީ ވަހީދު ވިދާޅުވެ އެވެ.

މަޖިލީހުގެ ތަޅުމުގައި އޭނާ އަޑުގަދަ ކުރައްވަން ފެއްޓުމުން، އެމްޑީޕީގެ މެންބަރުން ވެސް ކޮޅަށް ތެދުވެވަޑައިގެން އިދާރީ މޭޒު ކައިރިއަށް ވަޑައިގެން އިހްތިޖާޖު ކުރެއްވި އެވެ.

މިއަދުގެ ޖަލްސާ މެދުކަނޑާލާފައިވާއިރު މެންބަރުން ނެންގެވި އެއްވެސް ނިޒާމީ މައްސަލައަކާއި ބެހޭ ގޮތުން ރިޔާސަތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިޖާޖުކޮށް މަޖިލީސް މެދުކަނޑާލި އިރު، ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް، ރައީސަށް ތަސްދީގު ކުރުމަށް ލާޒިމުވާ ގޮތަށް ފާސްކުރި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައި ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ބާރުތަކެއް ނަގާފައިވާ ކަމަށް ބުނެ އެެ ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ ދަނީ އަޑު އުފުލަމުންނެވެ. އަދި އެ މައްސަލަ ވަނީ ދައުލަތުގެ ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވައިފަ އެވެ. ހަމައެހެންމެ އެ ގާނޫނުގައި، ގާނޫނު އަސާސީން ނޫސްވެރިންގެ މަސްދަރާ ބެހޭ ގޮތުން ދީފައިވާ ރައްކާތެރިކަން ނައްތާލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެ މައްސަލަ ވަނީ ހައިކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

އިމްތިޔާޒުގެ ގާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީސް ވެސް ހައްދުން ބޭރުން ބާރުތަކެއް ނަގާފައިވާ ކަމަށް ބުނެ އާންމުން ވެސް ގެންދަނީ އަޑުއުފުލަމުންނެވެ.