18 Mar 2013, 01:17
މިރޭ ޕީޓްރަލް ހޮޓާ ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން އަނިޔާ ލިބުނު މީހަކު އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދީފި އެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް މިރޭ ކިޔައިދިން ގޮތުގައި އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗް އަށް ގެންދިޔައީ އެތަނަށް އައި ސައިކަލެއްގައި ތިބި ދެ މީހެއްގެ އެހީތެރި ކަމާ އެކުގައެވެ.
އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ އޮފިޝަލަކު ބުނީ މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކު މިރޭ އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މީހާ އަށް ސީރިއަސް އަނިޔާ ތަކެއް ލިބިފައި ނުވާ ކަމަށާއި، އަދި ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ ގާތްގަނޑަކަށް 23:55 ހާއިރު ޕީޓްރަލް ހޮޓާ ހުންނަ ސަރަހައްދުގައި ހިނގި މާރާމާރީއަކާ ގުޅިގެން އަނިޔާވި މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ފަހަކަށް އައިސް މާލެ ތެރެ އަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގެ ސަބަބުން ރަށުތެރޭގައި ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ކުށް މަދު ކުރެވިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވައްކަމާއި، ފޭރުމާއި، އެނޫންވެސް ކުއްތަށް އެތައް ތަނަކުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ ރިކޯޑް ތަކުން ދައްކައެވެ.