17 Mar 2013, 23:44
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އޯލްޔޫތު ލިންކޭޖް (އޭވައިއެލް)އާއި ވާދަކޮށް ދެލަނޑު ސުންލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ހަސަން އަދުހަމް ނަގައިދިން ކޯނަރަކުން ބޮލުންޖަހައި އޭވައިއެލްގެ ގޯލްތެރެއަށް ބޯޅަފޮނުވާލައިގެން މެޗުގެ 11 ވަނަ މިނިޓުގައި މާޒިޔާއަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު އިސްލާމް ޒަކީއެވެ. އަދި މެޗުގައި އެޓީމު ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ގައުމީޓީމުގެ ހުނަރުވެރި ފޯވަޑް އަސަދުﷲ ޢަބްދުﷲ އެވެ.
މިއަދުގެ މެޗުގައި މާޒިޔާއަށް ނަތީޖާ ތަފާތުކުރާނޭ ގިނަ ފުރުސަތުތަކެއް ލިބިފައި ވާއިރު އެޓީމުގެ ބިދޭސީ މިޑްފީލްޑަރު އިސްލާމް ޒަކީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނެވެ.
ފާއިތުވީ ހަތަރު ސީޒަންގައި ވީބީ އައްޑޫއެފްސީއަށް ކުޅުމަށް ފަހު މިސީޒަންގައި އޭވައިއެލްއާ ގުޅުނު ސިއެރަލިއޯންގެ ފޯވަޑް އަބޫ ޑެސްމޮންޑް މަންސާރޭވެސް މިއަދުވަނީ އޭވައިއެލްގެ ޓީމުން ފުރަތަމަ ފަހަރަށް ފެނިފަ އެވެ. އެހެން ނަމަވެސް އަބޫގެ ފިޓްނަސް ރަނގަޅު ނުވުމުގެ ސަބަބުން އޭނާގެ އަސްލު ކުޅުން މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.
މިއަދުގެ މެޗުން މާޒިޔާ މޮޅުވުމުން އެޓީމުވަނީ ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ހަޕޮއިންޓު ހޯދައިގެން ކުލަބު ވެލެންސިޔާއާ އެކު ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. އަދި އޭވައިއެލް މިއަދުގެ މެޗުން ބަލިވުމުން އެ ޓީމުވަނީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ތާވަލުގެ ފުލުން ދެވަނައަށް ވެއްޓިފަ އެވެ.
މާދަމާ ހަވީރު ދިވެހިލީގުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ލީގު ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި މިއަހަރު އަލަށް ލީގަށް އެރި ބީޖީ ސްޕޯޓްސް ކުލަބެވެ. މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި ގަލޮޅު ދަނޑުގަ އެވެ.