17 Mar 2013, 23:15
ސުޕްރީމް ކޯޓުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން، ސީއެސްސީގެ މަގާމުން ވަކިކުރި މައްސަލަ ނިންމާފައިވާ ގޮތުގެ ސަބަބުން ތައުދީބީ، އިދާރީ އަދި މަދަނީ ފިޔަވަޅު އެޅުމުގައި މަސައްކަތުގެ މާހައުލުން މީހުން ވަކިކުރުމަށް އަސާސީ އިންގިލާބީ ބަދަލެއް އައިސްފައިވާ ކަމަށް، ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދު (ފޮޓޯ) ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އަމިއްލަފުޅު ބުލޮގުގައި، ފަހުމީގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި ގޮތުގެ ދިރާސާއެއްގެ ގޮތުގައި ހިމަނާފައިވާ ލިޔުމެއްގައި ނަޝީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މިންގަނޑުތަކަކީ ވަރަށް މަތީ މިންގަނޑުތަކެއް ކަމުން، ސުޕްރީމް ކޯޓުގެ ހުކުމްގައިވާ މިންގަނޑުތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ތަބާވެވިފައި އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
މިހެން ކަމުން 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގައި އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށީއް ސުރެ، ވަޒީފާ އިން ވަކިކޮށްފައިވާ ހުރިހާ ފަރާތްތަކުން "މިހުކުމުގެ ކޮޕީއެއް (ފަހުމީގެ މައްސަލައިގެ ހުކުމް) ހިފައިގެން ކޯޓަށް ގޮސް، މަގާމަށް އިއާދަވާން މަސައްކަތް ފަށާތަން ފެނުމަކީ ގާތް ކަމެއް" ކަމަށް ނަޝީދު ލިޔުއްވި އެވެ.
ސުޕްރީމް ކޯޓަކީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން އެންމެ ފަހުގެ ނިޔާ ކަނޑައަޅާނެ ކޯޓު ކަމުން، އެކޯޓުގެ ނިންމުން ގަބޫލުކުރާ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރި ނަމަވެސް، ނަޝީދު ލިޔުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
ނަޝީދު ފާހަގަކޮށްފައިވާ ވަކިވަކި ނުކުތާތަކަށް ބަލާ އިރު، ފަހުމީގެ މައްޗަށް ހުށަހެޅުނު ޝަކުވާއަކީ ޖިނާއީ މައްސަލައެއް ކަމަށް ވުމުން، އެ މައްސަލަ ތަހުގީގުކުރުމުގެ މަރުހަލާގެ ތެރެއަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ މައްސަލައަށް އިޝާރާތްކޮށް ނަޝީދު ލިޔުއްވާފައި ވަނީ ފަހުމީގެ މައްޗަށް ހުށަހެޅުނު ޝަކުވާއަކީ ޖިނާއީ ޝަކުވާއެއް ނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި މަސައްކަތު މާހައުލެއްގައި ހިނގާ ސެކްޝުއަލް ހެރެސްމަންޓްގެ އަމަލަކީ، ވަކި ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވާކަން، އަދި، މަސައްކަތު މާހައުލުގައި އަންހެން ކުއްޖަކާ ދެއްކުން އެކަށީގެންނުވާ ވާހަކައެއް އެ މާހައުލުގެ އިސްވެރިއަކަށް ހުރި ފިރިހެނަކު ދެއްކުމަކީ، ޖިނާއީ ކުށެއްކަމުގައި ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާކަން. އެހެންކަމުން، އެ އަމަލަކީ، ޖިނާއީ ކުށެއްކަމުގައި ބަލައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ޖިނާއީ އިޖުރާއަތެއް އެ އަމަލާ މެދު ހިންގޭނެ ގޮތެއް ނުވިސްނޭކަން." ނަޝީދު ލިޔުއްވާފައިވެ އެވެ.
ދެވަނަ ނުކުތާއަކަށް ނަޝީދު ފާހަގަކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުން މިމައްސަލާގައި "ޑިއު ޕްރޮސެސް" ފުރިހަމަކޮށްފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިިވާ މައްސަލަ އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތު ނުވަތަ ޑިއު ޕުރޮސެސް ފުރިހަމަކޮށްފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނާއިރު، ސީއެސްސީއަކީ އެހެން އެއްވެސް ފަރާތެއްގެ ދައުރެއް ނެތި، އެކޮމިޝަނަށް މެމްބަރުން އަންޔަނުކުރުމާއި ވަކިކުރުމާއި ޖަވާބުދާރީކުރުވުމުގެ ފުުރުސަތު ސީއެސީގެ ގާނޫނުގެ ދަށުން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ މުއައްސަސާއެއް ކަމަށެވެ.
އަދި މެމްބަރުން ވަކިކުރެވޭނެ ތިން ހާލަތެއް ބަޔާންކޮށްފައިވާ އިރު، އެކަން ނިންމާނީ މަޖިލީހުގެ ކޮމިޓީއަކުން ކަމަށާއި، އެގޮތަށް ފެނިއްޖެ ހާލަތެއްގައި މައްސަލައާ މެދު ގޮތެއް ނިންމަން ހުށަހަޅަން ޖެހެނީ މަޖިލީހުގެ ތަޅުމަށް ކަމަށާއި ތަޅުމަށް ހުށަހެޅުމުން ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން، މެމްބަރަކު ސީއެސީއިން ވަކިކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު ވިދާޅުވީ އެހެންކަމުން، އެ މައްސަލާގައި މަޖިލީހުން ތަބާވާން ޖެހޭ ހުރިހާ އިޖުރާއަތެއް ނުވަތަ ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.