މާލެ ސަރަހައްދުގައި ތެޔޮ ރައްކާތެރިކުރާ އިތުރު ރަށެއް ހެދުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ މިހާރު އެސްޓީއޯ އިން ތެޔޮ ރައްކާކުރާ، ކ. ފުނަދުއަކީ ތެޔޮ ރައްކާކުރުމަށް އެންމެ ރަނގަޅު ރަށް ނޫން ކަމަށް ސަރުކާރާއި އެސްޓީއޯ އިން ގަބޫލްކުރާ ކަމަށާއި އެގޮތުން މާލެ ސަރަހައްދުގައި ތެޔޮ ރައްކާ ކުރާނެ ރަށެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ މިފަހަރު ވިސްނާފައި އޮތީ ކ. ތިލަފުށި ކައިރި އޮންނަ ފަޅެއްގައި ތެޔޮ ރައްކާކުރާނެ ތަނެއް ހެދުމަށް ކަމަށެވެ.

"ފުނަދޫން ތެޔޮ ތާންގިތައް ބަދަލުކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅެން، ދެން ބަދަލުކުރަން ވިސްނާއިރު މާލެ ސަރަހައްދަކީ އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ސަރަހައްދުކަމުން މާލެ ސަރަހައްދުގައި އެވަރުގެ ތެޔޮ ސުޓޯރޭޖެއް ހުންނަން އެބަޖެހޭ. އެއީ ސުޓެލްކޯ އަށް ވަރަށް ގިނައިން ތެޔޮ އަޅަން ޖެހޭ ހަމައެހެންމެ ވިލިގިއްޔަށް އަދި ހުޅުމާލެ އަށް ވަރަށް ގިނައިން ތެޔޮއަޅަން އެބަޖެހޭ. މިހާރު ޕްލޭން ކޮށްފައި އޮތީ ތިލަފުށީ ފަޅެއްގައި ތެޔޮ ރައްކާކުރާނެ ތަނެއް ހެދުމަށް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ އަށް އެތުރުކުރާ ތެޔޮ ދެ ސަރަހައްދެއްގައި ރައްކާތެރި ކުރުމަށް ވިސްނުން ގެންގުޅޭ ކަމަށެވެ. އެގޮތުން ހއ.ގެ ރަށެއްގައި ތެޔޮ ވިއްކާ އަދި ތެޔޮ ރައްކާ ކުރާތަނެއް ހަދަން ނިންމާފައިވާ އިރު ދެން ވިސްނުން ހުރީ ތިލަފުށި ފަޅުން ކޮންމެ ވެސް ސަރަހެއްގައި ތެޔޮ ރައްކާ ކުރާނެ ތަނެއް ހެދުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ފުނަދޫން އެހެން ރަށަކަށް ތެޔޮ ރައްކާތެރިކުރުން ލަސްވަނީ އެއީ ވަރަށް ބޮޑު ޕްރޮޖެއްޓެއް ކަމުން ކަމަށާއި ހަމައެކަނި ފުނަދޫއަކީ ވެސް 30 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށެވެ.