15 Oct 2010, 08:42
ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންނާއި އެކި ދާއިރާތަކުން ފުންނާބު އުސް ފަންނާނުން ބައިވެރިކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޭ ފެސްޓިވަލް މާލޭގައި ރޭ އިފްތިތާހުކޮށްފި އެވެ.
މި ފެސްޓިވަލް ލޯންޗްކުރީ ރޭ 8 ޖެހިއިރު އާޓިފިޝަލް ބީޗުގައި ބޭއްވި މިއުޒިކް ޝޯ އަކާއެކެވެ. ރޭގެ ޝޯގައި މަޝްހޫރު މިއުޒިކް ބޭންޑުތައް ކަމަށްވާ ޑިންބާ ފެމެލީ އާއި ފަސީ ލައިވް އަދި އޮލިމްޕިއަންސްގެ ހިތްގައިމް ހުށަހެޅުންތަކެއް ފެނިގެންދިޔުމުގެ އިތުރަށް ޒުވާނުންގެ މެދުގައި މަގޫބުލުކަން ހޯދާފައިވާ، ޒުވާން ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާ ވެސް ހިމެނެ އެވެ.
ހޭ ފެސްޓިވަލްގެ ވެބްސައިޓުގައި ބުނަނީ، ހަރަކާތްތައް ކުރިއަށްދާނީ މިއަދާއި މާދާމާ އާރަށުގައި ކަމަށާއި ފެސްޓިވަލްގައި ޓިކެޓުގެ އަގުޅު އުޅެނީ 50 ރުފިޔާ އާއި 100 ރުފިޔާ އަށް ކަމަށެވެ.
ހޭ ފެސްޓިވަލުގައި ބައިވެރިވާ ބޭރުގެ މަޝްހޫރު ލިޔުންތެރިންގެ ތެރޭގައި "އެޓޯންމެންޓް" އާއި "އެންޑުއަރިން ލަވް" ފަދަ ފޮތްތައް ލިޔުނު އިއަން މެކްއިވަން އާއި މަޝްހޫރު "މާއޯ" އަދި "ވައިލްޑް ސްވާންސް" ފޮތް ލިޔުނު ތާރީހް ލިޔުންތެރިޔާ އަދި ބަޔޮގްރަފާ ޔުންގް ޗޭންގް އާއި ތިމާވެށީގެ ދާއިރާއިން ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ މުސްތަޝާރު ޓިމް ސްމިތު ހިމެނެ އެވެ.
މީގެ އިތުރުން ފެސްޓިވަލްގައި ބައިވެރިވާ ދިވެހިންގެ ތެރޭގައި، ދިވެހި އަދީބު އަބްދުﷲ ސޯދިގާއި ހަބީބާ ހުސައިން ހަބީބާއި މަޑުލު މުހައްމަދު ވަހީދާއި އޮގަރު އިބްރާހިމް ވަހީދު ހިމެނެ އެވެ. އަދި ދިވެހިންނަށް މަގްބޫލު ފިލްމްތަކެއް ގެނެސްދީފައިވާ ފާތުމަތު ނަހުލާ އާއި މުހައްމަދު ނިޔާޒު (ޓެޑްރީ) ވެސް ހިމެނެ އެވެ.