ޔޫރަފްގެ 27 ގައުމެއް ހިމެނޭ ޔޫރަޕިއަން އިއްތިހާދު، (އީޔޫ) އިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަނަމުންދާކަމުގެ "އިހްސާސް" ކުރެމުންދާ ކަމަށް ބުނެ ޕީޕީއެމް އިން އީޔޫއަށް ފާޑުކިޔައިފި އެވެ.

ރާއްޖޭގައި މި އަހަރު ބާއްވާ އިންތިހާބާ ބެހޭ ގޮތުން މި މަހުގެ 14 ވަނަ ދުވަހު އީޔޫން ނެރުނު ބަޔާނާ ގުޅިގެން މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް ވިދާޅުވީ އީޔޫން ނެރެފައިވާ ބަޔާނުން ދޭހަ ވަނީ ވަކި ފަރާތަކުން އިންތިހާބުގައި ބައިވެރިނުވާ ނަމަ އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް އީޔޫން ގަބޫލު ކުރާކަން ކަމަށާއި އަދި އެ ބަޔާނުން އީޔޫން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހޭ ކަމުގެ "އިހްސާސް ކުރެވޭ" ކަމަށެވެ.

"ކަނޑައެޅިގެން ފޯމަ ޕްރެސިޑެންޓް [ކުރީގެ ރައީސް] މުހައްމަދު ނަޝީދު ވާހަކަ ބަޔާން ކޮށްފައި އޮތުމުން އަޅުގަނޑުމެނަށް ސިފަ ކުރެވެނީ ދެން މި އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ އޭ. އަދި ބޭރުގެ ބައިނަލްއަގުވާމީ ވަކި ބޮޑު ޖަމިއްޔާއަކުން މިފަދަ ސްޓޭޓްމެންޓެއް ނެރުއްވާ އިރު އަޅުގަނޑުމެންގެ ދާހިލީ ކަމެއްގެ ތެރެއަށް ވަންނަނީ ކަމުގެ އިހްސާސް އަޅުގަނޑުމެނަށް އެބަ ކުރެވޭ،" ކޮމިއުނިކޭޝަން ޑިރެކްޓާ ޓު ފޮރިން މިނިސްޓްރީގެ މަގާމުގައި ހުންނެވި މުއާ ވިދާޅުވި އެވެ.

ޔޫރަޕުގެ އިއްތިހާދުގެ ހައި ރެޕްރެޒެންޓޭޓިވް ކެތެރިންގެ ބަޔާނުގައި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވާ މައްސަލައާ ބެހޭ އެއްވެސް ވާހަކައެއް ބުނެފައި ނުވާތީ އީޔޫ އިން ކުރަމުންދާ މަސައްކަތްތަކަކީ ޒިންމާދާރު މަސައްކަތްތަކެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް މުއާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޑިމޮކްރަސީ އުފެދިގެން މިއަންނަ އައުމުގައި ސްޓޭބަލް ކުރުމަށް ކިހާވަރެއްގެ ޒިންމާދާރު މަސައްކަތްތަކެއްތޯ ކޮށްދެނީ މިއީވެސް މިއީ ހުދު އަޅުގަނޑުމެން އުފެދޭ ސުވާލެއް. ވަކި ބައެއްގެ ފައިދާއަށް މަސައްކަތްކުރާ ޖަމިއްޔާތަކެއްތޯ މި ޖަމިއްޔާތަކަކީ. ނޫން ނަމަ ވަކި ބޭފުޅަކަށް ކާމިޔާބު ހޯދަދެއްވުމުގެ ގޮތުން ނޫން ނަމަ އެ ބޭފުޅާ [ރައީސް ނަޝީދުގެ] މަސްލަހަތަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތުތޯ މިއީ އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް އުފެދޭނެ ސުވާލެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އީޔޫ އިން ނެރެފައި ވަނީ "ޒިންމާދާރުކަން ކުޑަ" ބަޔާނެއް ކަން ފާހަގަ ކުރައްވަމުން މުއާ ވިދާޅުވީ އެމްޑީޕީ އަށް ޓަކައި ވެސް ބައެއް ފަރާތްތަކުން ބަޔާންތައް ނެރެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ޕީޕީއެމް ގޮވާލާ ކަމަށެވެ.