ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ކުރި ދައުވާ އަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އިންކާރު ކުރެއްވުމުން ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 21 ހެކި ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަރު އޮފް ޕޮލިސް އިސްމާއީލް އަތީފްގެ އިތުރުން މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމާއި ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނިލާމާއި ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ހިމެނެއެވެ.

ހެކި ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ނާޝިދު ވިދާޅުވީ 21 ހެކީގެ ތެރެއިން ހަތް ހެކި ހުށަހަޅާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ މަޝްވަރާތަކުގައި އޭނާ އިސްކޮށް ބައިވެރިވެފައިވާކަން ސާބިތުކޮށްދިނުމަށާއި އަދި ހައްޔަރު ކުރި އޮޕަރޭޝަންގައި ވެސް ބައިވެރިވެފައިވާ ކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި މޫސާ އަލީ ޖަލީލު ބައިވެރިވިކަމާއި އަދި އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ވަނީ ގާނޫނާ ޚިލާފަށް ކަން ސާބިތުކޮށްދިނުމަށް ހަތަރު ހެކި ހުށަހަޅާފައިވާއިރު އޭނާ ތަހުގީގަށް ދީފައިވާ ތިން ބަޔާނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާ އިއްވަމުން ނާޝިދު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމުމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި އޭނާ ހައްޔަރު ކުރުމަށް މަޝްވަރާކޮށް، ހައްޔަރު ކުރުމަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގައި ބައިވެރިވެ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހާ ހަމައަށް ކ. ގިރިފުށީގައި ބަހައްޓާފައިވާތީ ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރައްވައި މޫސާ އަލީ ޖަލީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އެއްވެސް މީހަކު އޭނާއަށް އަންގާފައި ނުވާކަމަށާއި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އޭނާގެ ދަށުން މަސައްކަތް ކުރި ސިފައިންގެ މީހަކަށް އަމުރުކޮށްފައި ވެސް ނުވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލު އަލީ ހުސައިން ވަނީ ހަތަރު އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ.

އެ މައްސަލަ ބެލުމުގެ ބާރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާގައި ޝަރީއަތުން ނިންމާފައި ވަނީ އެ މައްސަލަ ބެލުމުގެ ބާރު އެ ކޯޓަށް ލިބިގެންވާކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައިވާތީ އެދިވަޑައިގަތް ގޮތަށް އެ ނުކުތާއާ މެދު ގޮތް ނިންމެން ނެތްކަމަށެވެ.

މޫސާ އަލީ ޖަލީލުގެ ޝަރީއަތް ކުރުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނީގޮތުން ޖޭއެސްސީއަށް ލިބިގެން ނުވާ ބާރެއްގެ ދަށުން އެކުލަވާލާފައިވާ ބެންޗެއް ކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާއާ ގުޅިިގެން އެއްވެސް ނިންމުމެއް ޝަރީއަތުން ނިމާފައި ނުވެއެވެ. ފަނޑިޔާރުންގެ ބެންޗުން ބުނީ އެބޭފުޅުންގެ އަމިއްލަ މައްސަލައެއް އަމިއްލައަށް ނިންމިދާނެ ކަމަށް ނުފެންނާތީ އެ ނުކުތާއަށް ގޮތެއް ނިންމެން ނެތްކަމަށެވެ.

މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަނާއި ފުލުހުންގެ ތަހުގީގަށް ބަޔަކު ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން އެ ތަހުގީގު ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ވެސް އިޖުރާއީ ނުކުތާއެއް އަލީ ހުސެއިން ނެންގެވި އެވެ.

އެ ނުކުތާ އާ ބެހޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ހިއުމަންރައިޓްސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.

އިޖުރާއީ ގޮތުން ނެންގެވި އެންމެ ފަހު ނުކުތާގައި އަލީ ހުސެއިން ވިދާޅުވީ އެ ތަހުގީގުކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ނޫންކަމަށާއި އެއީ އެ ކޮމިޝަންގެ މުވައްޒަފުން ކޮށްފައިވާ ތަހުގީގެއް ކަމަށެވެ.

އެ ނުކުތާއާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މުވައްޒަފުން ކުރި ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހުގީގެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެ ދެ ނުކުތާއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ނާޝިދު ވިދާޅުވީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ތަހުގީގީ އެކި އިދާރާތަކަށް މައްސަލަތައް ތަހުގީގު ކުރަން އެންގުމަކީ ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތަހުގީގު ކުރުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް ހިއުމަންރައިޓްސް ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ގޮތުން ހިއުމަންރައިޓްސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަކީ ހަމައެކަނި ފަސް މެންބަރުން ކަމަށް މޫސާ އަލީ ޖަލީލުގެ ދިފާއީ ވަކީލު ވިދާޅުވެފައި ވަނީ ހަގީގަތާއެއްގޮތަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަހުގީގު ކޮށްފައި ވަނީ އެ ކޮމިޝަނުގެ މެންބަރުން ކަނޑައެޅި ވަކި ބައެއްކަމަށާއި ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެކަން ރަނގަޅަށް އެނގޭނެ ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ. އަދި އެކަންކަމަށް ރިއާޔަތް ކުރައްވައި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ ދިފާއީ ވަކީލު ނެންގެވި އިޖުރާއީ އެ ދެ ނުކުތާ އާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވި ތަފްސީލީގޮތެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް މޫސާ އަލީ ޖަލީލަށް 23 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ފަހު އެވެ.