17 Mar 2013, 17:54
ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އިންޑިއާ ސަރުކާރުން ސެކިއުރިޓީ ސިސްޓަމެއް ހަދިޔާކޮށްފި އެވެ.
އެޑްވާންސް ޕެސެންޖަ އިންފޮމޭޝަން ސިސްޓަމް (އެޕިސް) ނަމަކަށް ކިޔާ އެސިސްޓަމް ހަދިޔާ ކުރުމުގެ ލިއުން އިމިގްރޭޝަނާ ހަވާލުކޮށްދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ އެވެ. އިމިގްރޭޝަންގެ ފަރާތުން ލިއުމާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ އެވެ.
އެޕިސްއަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ ސިސްޓަމެއް ކަމަށާއި އެސިސްޓަމް ބޭނުންކޮށްގެން ދަތުރުކުރުމުގެ ކުރިން ޕަސިންޖަރުންގެ މައުލޫމާތާއި ބަޔޯމެޓްރިކް ޑޭޓާތައް ރައްކާކުރެވި، އަދި އެ ޕެސެންޖަރެއް ރާއްޖެ އައުމަށް ދަތުރުފެށުމުން އެ މައުލޫމާތު އިމިގްރޭޝަނަށް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި ބުނީ ކުރިއަށް އޮތް ދެތިން މަސްދުވަހެއްގެ ތެރޭގައި ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް މުޅިން ނިމި ފުރިހަމައަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ. އެ ސިސްޓަމްގެ ސަބަބުން އިމިގްރޭޝަނަށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި އަންނަ ހުރިހާ ޕަސެންޖަރުން ސްކްރީން ކުރުމުގެ ބަދަލުގައި މައްސަލައެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ފާހަގަކޮށް އެފަދަ މީހުން ސްކްރީން ކުރުމަށް މަގު ފަހިވުން ހިމެނެއެވެ.
"މިވަގުތު ގާތްގަނޑަކަށް ހުރިހާ އެންމެން ސްކްރީން ކުރަން ޖެހޭ، އޭގެ ތެރެއިން ގޯހީ ނޫނީ ބްލެކް ލިސްޓްގައި އުޅެނީ ކޮންބައެއް ކަމެއް ނޭނގޭ. މިސިސްޓަމްގެ ތެރެއިން (އެފަދަ މީހުން) ކުރިން އެނގުނީމަ، އެ މީހާ އައުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅެއް އެނގި އެމީހާ އައުމުގެ ކުރިން ކަންތައްތައް ނިންމާ ލެވޭނެ،" އެޕިސްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސީނިއަ އިމިގްރޭޝަން އޮފިސަރު އަލީ ސައީދު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ އަށް މިފަދަ ސިސްޓަމެއް ބޭނުން ވެފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މި ސިސްޓަމްގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ.