17 Mar 2013, 17:44
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ބޮޑުކޮށް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލި ބީލަމުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި ވަނީ އިނގިރޭސި ވިލާތުގެ ލަގާން ކޮންސްޓްރަކްޝަން ކުންފުނި ކަމަށް ކަނޑައަޅައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމަށް ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން އުފައްދާފައިވާ ގަން އެއާޕޯޓް ކޮމްޕެނީން އައްޑޫ ވައިގެ ބަނދަރު ބޮޑުކުރުމަށް ގަން ހިއްކައިގެން ތަރައްގީ ކުރުމަށް ހުޅުވާލި ބީލަމަށް ކުރިމަތިލީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ޢަލީ ވިދާޅުވި ގޮތުގައި، ޑެންމާކްގެ އެމްޓީ ހޯގާޑާއި އިނގިރޭސި ކުންފުނި، ލަގާން ކޮންސްޓްރަކްޝަން އެވެ. އެ ދެ ކުންފުނީގެ ތެރެއިން ލަގާން ކޮންސްޓްރަކްޝަން ފައިނަލައިޒުކޮށް މަސައްކަތް ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ގަން އެއާޕޯޓް ތަރައްގީ ކުރުމަށް އަޅުގަނޑުމެން ހުޅުވާލި ޓެންޑާ ޑިސެމްބަރު ތެރޭގައި. އަޅުގަނޑުމެން ބިޑް އިވެލުއޭޓް ކުރުމަށް އެއް މަސް ދުވަސް ނެގި. ޓެންޑާ އަށް ސަބްމިޓް ކޮށްފައި ވަނީ ދެ ފަރާތަކުން. އެއީ ލަގާން ކޮންސްޓްރަކްޝަން އާއި ހޯގާޑުން. އޭގެތެ ރެއިން ބިޑް އިވެލުއޭޝަން އިން އެންމެ ރެސްޕޮންސިވް ބިޑެއް ހުށަހަޅާފައި މި ވަނީ ލަގާން އިން. އެހެންވީމާ، ލަގާން މިހާރު މިވަނީ ޝޯޓް ލިސްޓް ކުރެވިފައި،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަގާން އަށް މިހާރު ނޮޓިފިކޭޝަން އޮފް އެވޯޑް ވެސް ދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ލަގާންއާ އެކު މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށެވެ.
"މިހާރު ޓެންޑާ ކުރެވިފައި މި އިންނަނީ ޑިޒައިން ބިލްޑް ކޮންޓްރެކްޓާ ފައިނޭސް ޕްރޮޖެކްޓެއް ގޮތަށް. އޭގެ މާނައަކީ ހުރިހާ ޑީޓެއިލްޑް ޑިޒައިންތަކެއް ހަދާނީ ކޮންޓްރެކްޓާ. އަޅުގަނޑުމެން މިދެނީ ސްކޯޕްތަކެއް. ކޮން ކަންތައްތަކެއްތޯ އަޅުގަނޑުމެން ބޭނުން ވަނީ. އަޅުގަނޑުމެންގެ ރިކުވަޔަމަންޓް އަޅުގަނޑުމެން މިދެނީ. ޑީޓެއިލް ޑިޒައިން ހެދުމަކީ އޭގެތެރެއިން އެއް ކަމެއް. އަނެއް ކަމަކީ ކޮންޓްރެކްޓާ ފައިނޭންސް. އެހެންވީމާ ކޮންޓްރެކްޓާ ފަންޑު ގެންނަން މިޖެހެނީ. އެގޮތަށް މި ހެދިފައި މި އިންނަނީ. ދެން އެ ބޭފުޅުން ހުށަހަޅާފައި އެބައިން ކޮންޓްރެކްޓާ ފައިނޭންސް ޕެކޭޖަކާ އެކީގައި،" އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ލަގާންއާ އެކު މަޝްވަރާކުރެވެމުންދާ އަނެއް ކަމަކީ ކޮންޓްރެކްޓާ ފައިނޭންސަށް ލަގާން އިން ނެގުމަށް ބޭނުންވާ ބައެއް އިންޝުއަރެންސާއި އަދި ތަފްސީލީ ލިޔެކިޔުންތަކާ ބެހޭ ގޮތުން ކަމަށާއި އެހެން ކަމުން މިހާރު އެއްބަސްވުމުގައި ސޮއިކުރެވުމާ ދޭތެރޭގައި މިނަގާ ވަގުތުތަކަކީ އެ ލިޔެކިޔުންތައް ހަމަޖެއްސުމަށް ނަގާ ވަގުތު ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ ފައިނޭންސް ކަންތައްތައް ހަމަޖެއްސުމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް އަދި ނަގާނޭ ކަމަށް. ފަންޑު ކުރާ ބޭންކުން މިހާރު ޓާމް ޝީޓް ވެސް ދީފައި ވަނީ. އެހެން ނަމަވެސް އެ ލޯން އެގްރީމެންޓާ ހިސާބަށް ދިއުމަށް ޓަކައި އެބަ ބޭނުންވޭ ވަރަށް ގިނަ ޑޮކިއުމެންޓް އެކްސްޗޭންޖު ކުރުމާއި ވަރަށް ގިނަ މަސައްކަތް،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިހާރު ވެސް ގަމުގެ ވައިގެ ބަނދަރުގެ "ޑީޓެލްއިލްޑް ޑިޒައިން" ކުރުމުގެ ސާވޭތައް ކުރިއަށް އެބަދާ ކަމަށާއި އެގޮތުން ލެވެލްސާވޭ އާއި ހިއްކަންޖެހޭ ތަން ކަނޑައެޅުމާއި އެ ތަނުގެ ފުންމިނާއި އަދި އެކަންތައް ހަމަޔަކަށް އަޅުވާނެ ގޮތާއި ހިއްކަން ޖެހޭ ސަރަހައްދު މާކުކުރުން ފަދަ މަސައްކަތް މިވަގުތު ވެސް ކުރިއަށް ދާ ކަމަށެވެ. އަދި ސާވޭގެ މަސައްކަތް ގާތްގަނޑަކަށް ދެ ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނޭ ކަމަށް ވެސް ވިދާޅުވި އެވެ.