އިލެކްޝަންސް ކޮމިޝަންއަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ އިރު ސިޔާސީ ޕާޓީތަކުން ހިންގާ ބޮޑެތި ޖަރީމާތައް އިތުރަށް ހުޅުރޯކޮށް އެކަން ކުށްވެރި ނުކުރަނީ އެތަނުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވަތަ ޖާހިލުކަން ވަދެފައި ވާތީ ކަމަށް ހިއުމަން ރައިޓްސް އެމްބަސެޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަހައްމައިދީ ރޭ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހިންގާ އެފަދަ ބޮޑެތި ޖަރީމާތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ އަދި އެފަދަ ކަންކަން ކުށްވެރި ވެސް ނުކުރާތީ އެ ކޮމިޝަންއަކީ އަބަދު ވެސް ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ.

"ކޮންމެވެސް އެކައްޗެއް އެވަނީ ވަދެފައި. ސިޔާސީ ނުފޫޒު ނުވަތަ ޖާހިލިކަން. އެއީ ނޭނގުން. މި ދޭތިން އެކަތި ވަދެގެން އެ އުޅެނީ. ދެން ނިކަން ބައްލަވާ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިންނަށްނަށް ވެގެން ތިބެމެ، ސިޔާސީ ޕާޓީތަކުން ހިންގާ ބޮޑެތި ޖަރީމަތައް ހުޅު ރޯކޮށްލުން. ކޮން އިރަކުތޯ އެކަންކަން ކުށްވެރިކޮށް ވާހަކަ ދެއްކީ. ކޮން ފިޔަވަޅެއްތޯ އެޅީ. އެހެންވީމާ އަޅުގަނޑުމެންނަށް އަބަދު ވެސް ތުހުމަތު ކުރެވިފައި ވަނީ ހަގީގަތުގައި ޒިންމާދާރުކަން ވަރަށް ކުޑަ ގޮތަކަށް،" ސަންދާނު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން އިލެކްޝަނުން އަމަލު ކުރެއްވި ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އަހައްމައިދީ ވިދާޅުވީ އެ ބިލް ތަސްދީގު ކުރެއްވުމުގެ މާކުރިން ރައީސް ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީން 11،000 އަށް ވުރެ ގިނަ ފޯމް އިލެކްޝަނަށް ވައްދާ އަދި އެ ފޯމްތައް އެ ކޮމިޝަނުން ވަނީ ގަބޫލު ވެސް ކޮށްފައި ކަމަށެވެ.

"ނިކަން ބައްލަވާ މި ބިލް ތަސްދީގު ކުރުމުގެ ކުރިން ގައުމީ އިއްތިހާދު ޕާޓީން ވަނީ 11،000 އަށް ވުރެ ގިނަ ފޯމް އެ ކޮމިޝަނަށް ވައްދާ އަދި އެ ފޯމްތައް ވަނީ ބަލައިގަނެ ގަބޫލު ވެސް ކޮށްފައި. ދެން އެ ބޭފުޅުންނަށް އެ ފޯމްތައް ޕްރޮސެސް ނުވެގެން އުޅޭ މައްސަލަ އެއީ އެހެން އެއްވެސް ބައެއްގެ މައްސަލަ އެއްތޯ. އެއީ އެބޭފުޅުންގެ މައްސަލަ އެއް ނޫންތޯ. ދެން ކޮން ހައްގެއްތޯ އޮތީ ގައުމީ އިއްތިހާދު ޕާޓީ އުވާލަން. އެހެންވީމަ 11،000 މެމްބަރުން ވެސް ވަނީ ހަމަ ކޮށްދީފައި. އެހެންވީމަ ކޮންމެވެސް ނުފޫޒެއް، ކޮންމެވެސް ކަމެއް ކޮންމެ ވެސް ގޯހެއް އެތަނުގެ ތެރޭގައި އެބަ އުޅޭ. އެބޭފުޅުން އެބަޖެހޭ އެކަން އިސްލާހް ކުރަން. އެންމެންނަށް ހަމަހަމަވާ ގޮތަކަށް ކަންތައް ކުރަން ޖެހޭނީ،" ސަންދާނު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ލަސްތަކެއް ނުވެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައި ވަނީ އެ ކޮމިޝަންގެ ދަފްތަރުން 11 ޕާޓީ އެއް އުނިކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ގާނޫނާ ގުޅޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅުމުގެ ކުރިން އެއްވެސް ޕާޓީއެއް އުވޭ ފަދަ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނި ކުރި އެގާރާ ޕާޓީ މިހާރު ވަނީ އަލުން ދަފްތަރުގައި ހިމަނައިފި އެވެ.