17 Mar 2013, 16:43
އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވި ނުވަ ވަނަ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2013 އިއްޔެ ނިންމާލައިފި އެވެ.
މިމަހުގެ 14 އިން 16 އަށް ކުރިއަށްދިޔަ އެ މުބާރާތުގެ ގިންތި އެކަކުން ޗެމްޕިއަން ޓީމަކަށް ހޮވުނީ މެރިން ޑިޕްލޮއިމެންޓް ޔުނިޓް (އެމްޑީޔޫ) ދޭއް އެވެ. އަދި ގިންތި އެކެއްގެ ބެސްޓް ފިރިހެން އެތްލީޓަކަށް ހޮވިފައިވަނީ އެމްޑީޔޫގެ ދޭއްގެ ސާޖަންޓް ހުސައިން އިނާޝް އެވެ. މުބާރާތުގެ ގިންތި ދޭއްގެ ބެސްޓް ފިރިހެން އެތްލީޓަކަށް ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އިންފޮމޭޝަން ޓެކްނޮލޮޖީ ސާވިސް (ސީޓްސް) ގެ ސަރޖަންޓް ޝާމިން އިބްރާހީމް ހޯދާފައިވާއިރު ގިންތި ދޭއްގެ ޗެމްޕިއަން ޓީމަކީ ސްޕެޝަލް އެސަސްމަންޓް ޔުނިޓް (އެސްއޭޔޫ) އެވެ.
މުބާރާތުގެ އަންހެން ބެސްޓް އެތްލީޓަކަށް ހޮވިފައި ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ އައިޝަތު ރިޝްމާ އެވެ. އަންހެން ޗެމްޕިއަން ޓީމަކީ ބަންޑާރަ ކޮށި (ބީކޭ) ޓީމެވެ. އަދި ސިފައިންގެ އޮފިސަރުންގެ އިވެންޓްގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ކަޅުތުއްކަލާ ކޮށި (ކޭކޭ) އޮފިސަރުންގެ ޓީމެވެ.
މުބާރާތުގައި ދެ ގިންތީގައި 21 ޓީމް ހިމެނިފައިވާއިރު 201 ފިރިހެން އެތުލީޓުންނާއި 42 އަންހެން އެތުލީޓުން ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން އޮފިސަރުންގެ ތިން އިވެންޓާއި ސިފައިންގެ އާއިލާތަކަށް ހާއްސަ ކޮށްގެން ހަތަރު އިވެންޓާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިވެންޓަކާއި އާއްމުކޮށް ހުޅުވާލެވިގެން ފަސް ކިލޯ މީޓާ ރޯޑްރަން އިވެންޓެއް ވެސް ވަނީ ބާއްވާފަ އެވެ. މީގެ 11 އަހަރު ކުރިން 2002 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ އެ މުބާރާތުގައި މިފަހަރު 151 އާންމުން ބައިވެރިވެފައިވެ އެވެ. އަދި މުޅި މުބާރާތުގައި ޖުމްލަ 406 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް އިބްރާހީމް އިސްމާއީލް އާއި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) ގެ ރައީސް ލެފްޓިނަންޓް ކާނަލް އަހުމަދު ފަޔާޒް އާއި ޑީއެސްސީގެ ނައިބް ރައީސް ލެފްޓިނަންޓް ކާނަލް އިބްރާހިމް ރަޝީދު ގެ އިތުރުން އެމްއެންޑީއެފްގެ އެކްޓިން ކޮމާންޑް ސާޖަންޓް މޭޖާ އެސްއެމް އަހުމަދު އަބްދުﷲ އެވެ.