ރާއްޖެ އަށް ހިލަ އިމްޕޯޓް ކުރުން އިންޑިއާ އިން ހުއްޓާލާފައި ވާތީ ތިން ގައުމަކުން ހިލަޔާއި ހިލަވެލި ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އިންޑިއާ އިން ގެންނަ ހިލަޔަށް ވުރެ އެ ގައުމުތަކުން ގެންނަ ހިލަ ވިއްކޭނެ އަގު ކޮންމެ ވެސް ވަރަކަށް ބޮޑު ވާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އިންޑިއާ އިން ހިލަޔާއި ހިލަވެލި އިމްޕޯޓް ނުކުރެވޭތީ މިހާރު ހިލަ އިމްޕޯޓް ކުރުމަށް މަސައްކަތްކުރަނީ މެލޭޝިއާ އާއި ބަންގުލަދޭސް އިން ކަމަށާއި އަދި ހިލަވެލި އިމްޕޯޓް ކުރުމަށް މަސައްކަތް ކުރަނީ ޕާކިސްތާން އިން ކަމަށެވެ. ޝާހިދު ވިދާޅުވީ ހިލަޔާއި ހިލަވެހި އެ ގައުމުތަކުން ގެންނަން ނިންމާފައިވާ ކަމަށާއި ނަމަވެސް އިންޑިއާ އިން ގެންނަ ހިލަޔާއި ހިލަވެއްޔަށް ވުރެ އެ ގައުމުތަކުން ގެންނަ ހިލަޔާއި ހިލަވެލީގެ އަގުބޮޑު ވާނެ ކަމަށެވެ.

"ސޫތުކުޅިއަކީ އަޅުގަނޑުމެން އާންމުކޮށް [ހިލައާއި ހިލަވެލި] އެތެރެކުރާ ބަނދަރު. އެ ބަނދަރު އެ އޮންނަނީ ރާއްޖެއާ ވަރަށް ކައިރީގައި. އެހެންވީމާ ބޯޓް ފަހަރު ދާން މިނަގަނީ ދެ ދުވަސް ނުވަތަ ދެ ދުވަސް ބައި ގިނަވެގެން. އެހެން ކަމުން ޕާކިސްތާނަށްދާކަމުގައިވާ ނަމަ ކަރާޗީ އަށް ދިއުމަށް ފަސް ދުވަސް ނަގާ، ބަންގުލަދޭސްއަށްދާ ކަމުގައިވާ ނަމަ ފަސް ދުވަސް ނަގާ، މެލޭޝިއާ އަށް ދާކަމުގައިވާ ނަމަ އެއީ މަދުވެގެން ހަތް ދުވަހުގެ ދަތުރެއް. އެހެންކަމުން ކޮންމެ ގޮތެއް ވިޔަސް ފުރައިޓް ކޯސްޓް ބޮޑުވެގެން އަންނާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަގަށް ބަދަލުއައި ނަމަވެސް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިހާރު އިންޑިކޭޓް ލިބިފައިވާ ގޮތުން ހަތަރު ނުވަތަ ފަސް ޑޮލަރު ވަރު ފުރައިޓް ޓަނަކުން ބޮޑު ކަމަށެވެ.

އެ ތިން ގައުމުން ހިލަ ގެނެވޭނީ ކޮން ދުވަހަކުންތޯ ސަން އިން ސުވާލުކުރުމުން ޝާހިދު ވިދާޅުވީ އަދި ޝިޕުމެންޓެއް ގެނެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި މިހާރު އެ މަސައްކަތް ކުރަމުންދާ އިރު ޝިޕްމެންޓެއް ހަމަޖެހޭތާ 15 ނުވަތަ 20 ދުވަސް ތެރޭގައި ރާއްޖެ އަށް ގެނެވޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖެ އަށް ހިލަ ގެނެސްފައި ވަނީ އިންޑިއާ ސަރުކާރުގެ ޚާއްސަ ކޯޓާގެ ދަށުން ނެވެ. ނަމަވެސް އިންޑިއާ އިން ގެންނަ ހިލަ (އެގްރިގޭޓް) ކޯޓާ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ސަޕްލަޔަރުންނަށް އެ ގައުމުގެ ކޮމާޝް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.