ސިވިލް ސާވިސް ކޮމިޝަންގެ(ސީއެސްސީ) ރައީސް މުހައްމަދު ފަހުމީ ހަސަންގެ ވަޒީފާ ސުޕްރީމް ކޯޓުން ރީ އިންސްޓޭޓްކޮށްދިން ނަމަވެސް އެންމެ "އޮނަރަބުލް ގޮތަކީ" ފަހުމީ ގެއަށް ވަޑައިގަތުން ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީގެ ޕްރެސިޑެންޝަލް ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ސިވިލްސާވަންޓްގެ އިތުބާރު ފަހުމީގެ މައްޗަށް ގެއްލިފައިވާ ކަމަށާއި ޕަބްލިކް އިންޓަރެސްޓަށް ޓަކައި ވެސް ފަހުމީ ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ސީއެސްސީގެ މުވައްޒަފެއްގެ ބަނޑުގައި ފަހުމީ އަތް ކާއްތަމުން "ތިޔަ ކަހަލަ ރީތި ހުސް ހަށިބައި އަންހެންކުދިން ފަލަވީމާ ކަމަކު ނުދާނެއޭ" ވިދާޅުވެ، އަތުގައި ހިފައި ބޭއަދަބީ ގޮތަކަށް އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ފަހުމީ މަގާމުން ވަކި ކުރުމަށް ވޯޓު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި ޑީއާރުޕީގެ އިތުރުން ބައެއް އަމިއްލަ މެންބަރުންނެވެ.

ތަސްމީން ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރައްވާ ކަމަށާއި ނަމަވެސް އެ ހުކުމާ އެކު ފެންމަތިވާ ވަރަށް ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކަށް ޝަރީއަތުން ހުކުމެއް ސާބިތުވާންދެން އެ މީހަކު މަގާމުގައި ހުރެވޭ ނަމަ އެކަމުގެ ނަތީޖާ ވަރަށް ގޯސްވެދާނެ ކަމަށެވެ. އެހެންކަމާ އެކު ސިވިލްސާވަންޓުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ފަހުމީ ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީޙުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވެސް އިއްޔެ ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަށް މަގާމް ދިނުމާއި މަގާމުން ވަކި ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް އެއްވެސް ޝަރުއީ ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފު އިބާރާތުން ބުނެފައި ވާތީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކި ކުރުމަށް ނިންމި ނިންމުން އެއްވެސް ފަރާތަކަށް ބަދަލެއްވެސް އަދި ބާތިލު ވެސް ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަހުމީ އަލުން ރީ އިން ސްޓޭޓްއެއް ނުކުރެވޭނެ. އަޅުގަނޑުމެން މަޖިލީހުގައި އެކަމުގައި ލޮބީ ވެސް ކުރާނަން. އަދި އަޅުގަނޑުމެން އެދޭނީ އެތަނަށް އެހެން މީހަކު އައްޔަން ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށް،" އިބޫ އިއްޔެ ސަން އަށް ވިދާޅުވި އެވެ.

ފަހުމީގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އިއްޔެ ސަން އަށް ވިދާޅުވީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ރައްޔިތުންގެ މަޖިލީޙުން ވެސް ސުޕްރީމް ކޯޓުގެ އެ ހުކުމަށް ހުރުމަތްތެރިކޮށް ހިތައި ބޯލަނބަން ޖެހޭނެ ކަމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ފަހުމީ މިއަދު ވަނީ އޮފީހަށް ނުކުމެވަޑައިގެންފަ އެވެ. ނަމަވެސް ފަހުމީ މީޑިއާ އަށް ކޮމެންޓެއް ދެއްވުމަށް ވަނީ އިންކާރު ކުރައްވައިފަ އެވެ.