15 Oct 2010, 08:42
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުންކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ބްރޯޑްކާސްޓިން ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މި މަހުގެ 27 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، އެ ސިޔާސަތުތައް ދިފާއުކޮށް، ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެ ސިޔާސަތާ އެއްގޮތަށް އަމަލްތައް ބަހައްޓާތޯ ބަލައި، އެ ސިޔާސަތުތަކާ އެކި ފަރާތްތަކުން ހިޔާލު ތަފާތުވާ ފަހަރުތަކުގައި ފިޔަވަޅު އެޅުމަށާއި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުމަށާއި ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ޒިންމާދާރު ގޮތެއްގައި ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.
ބްރޯޑްކާސްޓިންގ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެން ވަނީ އެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައްޔަން ކުރާ 6 މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި އެއިން ކޮންމެ މެންބަރަކީ ވެސް ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ހާއްސަކޮށް ސިޔާސަތު އެކުލަވާލުމާއި ޤާނޫނާއި އާ އިޖާދުތަކާއި، ނޫސްވެރިކަން އަދި ވިޔަފާރީގެ ރޮނގުންނާއި ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ މުޖުތަމައު ޤަބޫލްކުރާ މިންގަނޑުތަކުން އަބުރުވެރި، އަހްލީޤު ރަނގަޅު ވަކިފަރާތަކަށް ނުޖެހޭ ޤާބިލް މީހެއް ކަމުގައިވާން ޖެހޭނެ ކަމަށް ވެސް އެއިޢުލާންގައިވެ އެވެ.