17 Mar 2013, 13:54
ކުޅިވަރާ ބެހޭ ވުޒާރާގެ ޕާމަނަންޓު ސެކްރެޓަރީ އަދި ރާއްޖޭގެ ބޮޑީ ބިލްޑިން ފެޑަރޭޝަންގެ ޗެއާމަން މާހިދު ޝަރީފު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމަށް ބުނާ މައްސަލައެއް ބަލައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ޝަރީފާ ބެހޭ ގޮތުން ބޮޑީ ބިލްޑިން ފެޑަރޭޝަންގެ ބައެއް ބިލްޑަރުން މިދިޔަ ބުރާސްފަތި ދުވަހު އޭސީސީއަށް ހުށަހެޅި އެ މައްސަލާގެ ކޮޕީ ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އޮލިމްޕިކް ކޮމެޓީއަށާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ވެސް ހުށަހަޅައިފައިފަ އެވެ.
އޭސީސީއަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ، ޝަރީފް މަގާމާ ހަވާލުވި ފަހުން ތަނުގެ ކުރިއެރުމަށް އެއްވެސް ވަރަކަށް ކަންކަން ކޮށްފައި ނުވާ ކަމަށާއި އެގޮތުން ވޭތުވެ ދިޔަ ތިން އަހަރު އެ ފެޑަރޭޝަންގެ ހާލަތު އެތައް ގުނައަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ވެސް ޝަރީފަކީ ފެޑަރޭޝަންގެ ރައީސް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ޕާމަނަންޓު ސެކްރެޓަރީ އަށްވުމާ އެކު ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިސް މަގާމްގައި ހުންނެވުމަކީ ނުހަނު ބޮޑަށް އެކަމުގައި މަސްލަހަތު ނުވަތަ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޮތް ކަމެއް ކަމަށް އެ ބިލްޑަރުން ފާހަގަކުރެ އެވެ.
ޝަރީފް އަންނަނީ އޭނަގެ މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން އެތަކެއް ފައިދާތަކެއް ހޯދަމުން ކަމަށާއި އެކަމުގައި ޝަރީފަށް އެހީވެ ދިނުމުގައި ފެޑަރޭޝަންގެ ހިންގާ ކޮމެޓީގެ ވައިސް ޗެއާމަންއާއި ޗެނަރަލް ސެކްރެޓަރީ ވެސް ބައިވެރިވަމުން ކަމަށް އެބިލްޑަރުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
ރާއްޖެ އިން ބޭރުގައި ބާއްވާ މުބާރާތްތަކާ ގުޅިގެން ކުރާ ދަތުރު ތަކުގެ ރޫޓް ޕްލޭން ކުރުމުގައި އަމިއްލަ ވިޔަފާރިއަށް ފައިދާ ވާގޮތަށް ޝަރީފު ރޫޓް ޕްލޭން ކުރުމާއި ކުޅިވަރާ ބެހޭ މިނިސްޓުރީން ދޭ ފައިސާ އާއި އެކި ފަރާތްތަކުންދޭ ސްޕޮންސާތަކާއި އެހީގެ ގޮތުގައި ދޭ ފައިސާއާ ބެހޭ ލިޔެކިއުމެއް ފެޑަރޭޝަނުން ފެންނަން ނެތް ކަމަށް ވެސް މައްސަލާގައި ބުނެ އެވެ.
އޭސީސީގެ ރައީސް ޙަސަން ލުތުފީ މިއަދު ވިދާޅުވީ، ބޮޑީ ބިލްޑިން ފެޑަރޭޝަންގެ ޗެއާމަން މާހިދު ޝަރީފާ ބެހޭ ގޮތުން އެއްވެސް މައްސަލައެއް އެ ކޮމިޝަނަށް ހުށައަޅާފައި އޮތް ކަމަށް އަދި އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ބަލާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އޭސީސީއަށް އެ މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރީފް މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނެ އެފެޑަރޭޝަންގެ 14 ބިލްޑަރުކު ވަނީ ހުސްވި ހަފްތާގެ ކުރީ ކޮޅު ޕެޓިޝަނެއް ވެސް ތައްޔާރު ކޮށްފަ އެވެ.
އެ ޕެޓިޝަނާ ބެހޭ ގޮތުން ހުސްވި ހަފްތާގެ ހޯމަ ދުވަހު ޝަރީފް ވަނީ އޭނާއާ ބެހޭ ގޮތުން އެ ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ދޮގު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެ ޕެޓިޝަން ހުށަހެޅުމުގައި އުޅުއްވާ ބައެއް ބިލްޑަރުންނާ ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމަށް ފަހު އެ މީހުން އެ ހުށަހެޅި ބައެއް ކަންކަން މިހާރު "ބަލަމުން" އަންނަ ކަމަށެވެ.