މެޗުގެ ފަހު ހާފުގެ ވަކި ހިސާބަކުން ދިހަ މީހުންނާ އެކު ކުޅެމުން ދިޔަ އެވަޓަން އިން ދެ ލަނޑު ސުންލަނޑުން ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

އިނގިރޭސި ލީގުގައި ރޭ އެވަޓަންގެ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގައި އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން ލިއޯން އޮޒްމަން އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 61 ވަނަ މިނިޓުގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު އެވަޓަންގެ ސްޓީވަން ޕިއެނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެހެން ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ ޑޭވިޑް މޮޔޭސްގެ ޓީމުވަނީ މެޗުގެ ފަހުވަގުތު ކޮޅުގައި ލަނޑެއް ކާމިޔާބު ކޮށްދީ އެވަޓަންގެ އެވަޓަންގެ ކުޅުންތެރިން ވަނީ އެޓީމުގެ ކޯޗުކަމުގައި މޮޔޭސް ހޭދަކުރި އެގާރަވަނަ އަހަރު ފާހަގަކޮށްދީފަ އެވެ.

ރޭގެ މެޗުގައި ކާލޯސް ތެވޭޒް ފޮނުވާލި ބޯޅައެއް އެވަޓަންގެ ޕެނަލްޓީ އޭރިޔާތެރެއިން މަރުއާނޭ ފެލައިނީގެ އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީއެއް ނުދީ އޭރިޔާގެ ބޭރުން ހިލޭޖެހުމެއް ދިނުމުން ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީވަނީ އެކަމާ ވަރަށްބޮޑަށް ރެފްރީއަށް ފާޑުކިޔައި ނުރުހުން ފާޅު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ލީގު ޓައިޓްލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާ އެންމެ ގާތުން ވާދަކުރާ މެންޗެސްޓާ ސިޓީ ވަނީ 15 ޕޮއިންޓު ފަހަތަށް ޖެހިފަ އެވެ. އަދި ލީގުގައި އެޓީމަށް ބާކީ ނުވަވަރަކަށް މެޗު އޮތް އިރު މަންޗިނީގެ ޓީމަށް މިހާރު ލީގު ކާމިޔާބުކުރުމަށް އޮތް ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.