17 Mar 2013, 12:44
ބުއްދާގެ ޓެޓޫއެއް އަތުގައި ޖަހާފައިވާ އިނގިރޭސި ޓޫރިސްޓަކު ލަންކާއަށް ވަންނަން މަސައްކަތްކުރުމުން، އެގައުމުން އޭނާ ހުއްޓުވައިފި އެވެ.
ލަންކާގެ އޮފިޝަލުން ބުނީ އިނގިރޭސިވިލާތުގެ މިމީހާއަށް ލަންކާއަށް ވަނުމުގެ ހުއްދަ ދީފައިނުވާ ކަމަށާއި، އެގޮތަށް ނިންމީ، ލަންކާގެ ސަގާފަތަށް އޭނާ މަލާމާތްކޮށް އިހުތިރާމް ކުޑަކޮށް މުއާމަލާތްކޮށްފައި ވާތީވެ ކަމަށެވެ.
ލަންކާގެ އިމިގްރޭޝަން އޮފިޝަލަކާ ހަވާލާދީ ބީބީސީއިން ބުނީ އިނގިރޭސި މީހާގެ އަތުގައި ބުއްދާގެ ޓެޓޫއެއް ޖަހާފައިވާ ކަމަށާއި، އޭނާ ވާހަކަދައްކާފައި ވަނީ ވެސް ވަރަށް ހުތުރު ބަހުން ކަމަށެވެ. އޭނާ ލަންކާގެ ސަގާފަތަށް އެގޮތަށް މަލާމާތްކުރާ ނަމަ، ލަންކާގައި އޭނާގެ ފުރާނައަށް ގެއްލުންވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުން، އެކަމާ މެދުވެސް ވިސްނާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ލަންކާގެ އާބާދީގައި ގިނައީ ސިންހަލަ ނަސްލުގެ ބޫދީންނެވެ. އެހެންކަމުން ބުއްދާއަށް މަލާމާތްކުރުމަކީ ލަންކާ މީހުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ލަންކާއަށް ކުރި ދަތުރެއްގައި ބުއްދާގެ ބުދަކާއެކު އެކަށީގެންނުވާ ފޮޓޯތަކެއް ނެނގި މައްސަލާގައިވެސް، ލަންކާގެ ކޯޓަކުން ވަނީ ފަރަންސޭސިވިލާތުގެ ތިން ޓޫރިސްޓަކު ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
އަދި 2010 ވަނަ އަހަރު، މަޝްހޫރު ލަވަކިޔުންތެރިޔާ އޭކޮންގެ ވީޑިއޯއެއްގައި ބުއްދާގެ ބުދުތަކެއްގެ ކައިރީގައި ނެށި މައްސަލާގައި، އޭކޮން އަށް ވިސާ ދިނުމަށް ލަންކާއިން ވަނީ ދެކޮޅު ހަދާފަ އެވެ.