ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ މައްސަލަ ހައްލުކުރުމަށް ބްރިކްސްއިން އެހީވުމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ގޮވާލައްވައިފި އެވެ.

އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ފަސް ގައުމު ކަމަށްވާ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާގެ މައްޗަށް އެކުލެވޭ ބްރިކްސްގެ ބައްދަލުވުމެއް މިމަހުގެ 26 ވަނަ ދުވަހު ސައުތު އެފްރިކާގެ ޑާބަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ބުސައިނާ ޝާބަން އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސައުތު އެފްރިކާގެ ރައީސް އަދި މިދައުރުގައި ބްރިކްސްގެ ޗެއާޕާސަންގެ މަގާމު ފުރުއްވާ ޖޭކޮބް ޒޫމާއާ ބައްދަލުކޮށް ސޫރިޔާގެ މައްސަލާގައި އެހީވުމަށް ދަންނަވާފައިވާ ކަމަށެވެ.

ބައްޝާރު އެދިލައްވާފައި ވަނީ ސޫރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ ހުއްޓާލުމަށް ބްރިކްސްއިން އެހީވުމުގެ އިތުރުން، އިދިކޮޅު ފަރާތްތަކާ އެކު ވާހަކަތައް ފެށުމުގައި އެހީވުމަށް ކަމަށް ޝަބާނާ ވިދާޅުވި އެވެ.