17 Mar 2013, 12:17
އިނގިރޭސި ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ރެޑިން ބައްދަލު ކުރިމެޗުގައި ޔުނައިޓެޑްގެ ވޭން ރޫނީ ކާމިޔާބު ކޮށްދިން ލަނޑުން އެކެއް ސުމަކުން ރެޑިން ބަލިކޮށް ލީގު ތާވަލުގެ ކުރީގައި އެޓީމު ހިފަހައްޓަމުން އައި ފަރަގު 15 ޕޮއިންޓަށް ފުޅާ ކޮށްފި އެވެ.
ރޭގެ މެޗުގެ 21 ވަނަ މިނިޓުގައި ރޫނީ ކާމިޔާބުކޮށްދިން ލަނޑާ އެކު ޔުނައިޓެޑް މޮޅުވުމުން ލީގު ކާމިޔާބު ކުރުމަށް ތާވަލުގެ ދެވަނައިގައި ޔުނައިޓެޑާއި ވާދަކުރަމުންއަންނަ މެންޗެސްޓާސިޓީއަށް ރޭ އެޓީމު އެވަޓަންއާ ކުޅުނު މެޗު ދޭއް ސުމަކުން ބަލިވުންވަނީ ގާތްގަނޑަކަށް ލީގު ހޯދުމުގެ އުއްމީދު ގެއްލިފަ އެވެ. އިނގިރޭސި ލީގު 20 ވަނަ ފަހަރަށް ހޯދުމުގެ ރެކޯޑް ގާއިމުކުރުމަށް ފާގަސަންގެ ޔުނައިޓެޑަށް މިހާރު ބާކީ އޮތީ އެންމެ ނުވަ މެޗެވެ.
މެންޗެސްޓާ ޔުނައިޓެޑް 74 ޕޮއިންޓާ އެކު ތާވަލުގެ ކުރީގައި އޮތް އިރު ރޭ އެ ކުލަބުގެ އަތް ދަށުވި ރެޑިން އޮތީ ކުއީން ޕާކް ރޭންޖާސް (ކިއުޕީއާރު)އާ އެކު ތާވަލުގެ ފުލުގަ އެވެ. އަދި މި ސީޒަންގައި ޖެހިޖެހިގެން އެންމެ ގިނައިން ބަލިވި (ފަސްމެޗުން) އަދި މި ސީޒަންގައި އެންމެ ގިނަމެޗުން (ހަތްމެޗުން) ބަލިވެފައިވާ ޓީމަކީ ވެސް ރެޑިން އެވެ. ހުސްވި ހަފްތާގައި އެޓީމުގެ ކޯޗު ބްރެއިން މެކްޑާމޮޓް ކޯޗުކަމުން ދުރުކުރި ފަހުން އެޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރީ އީމާން ޑޯލާން އެވެ.