17 Mar 2013, 11:52
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގެ ކުރެހުން ތެރިން އެއްތަންވެ، ސަގާފަތާއި ހިޔާލު ހިއްސާކުރުމަށް ބާއްވާ "ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން" ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ.
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުޑަބަނޑޮހުގައި ބާއްވާ ކޭމްޕް އިންތިޒާމު ކުރީ ސާކް ކަލްޗަރަލް ސެންޓަރާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ނެޝަނަލް ސެންޓަ ފޯ ދި އާޓް (އެންސީއޭ) ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް (ޔުއާމް) ގުޅިގެންނެވެ.
ކޭމްޕަށް ހަރަދުކުރަނީ ސާކް ކަލްޗަރަލް ސެންޓަރުގެ ބަޖެޓުން ކަމަށާއި ކޭމްޕް ބޭއްވުމަށް 23000 އެމެރިކާ ޑޮލަރު (354660 ރުފިޔާ) ހަރަދުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެންސީއޭ އިން ބުންޏެވެ.
ކޭމްޕާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އާޓް ގެލެރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެންސީއޭގެ ކިއުރޭޓާ އަހުމަދު ނައީމް ވިދާޅުވީ 23000 ޑޮލަރަކީ ސާކް ކަލްޗަރަލް ސެންޓަރުގެ ބަޖެޓުގައި ކޭމްޕަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާ ކަމަށާއި އެއަށް ވުރެ އިތުރަށް ކުރަން ޖެހޭ ހަރަދުތަކަށް ސްޕޮންސާ ކުރުން ފަދަ ގޮތް ގޮތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިކޭމްޕް މި ހިންގަނީ ސާކް ކަލްޗަރަލް ސެންޓަރުން އެކަމަށް އެލޮކޭޓްކޮށްފައި އޮންނަ ބަޖެޓަކުން، ދެން އެބަޖެޓް ތެރޭގައި އަޅުގަނޑުމެން މިއުޅެން ޖެހެނީ، އެހެންވީމާ މާބޮޑެތި ކަންތައްތަކެއް ނުކުރެވޭނެ. ދެން އޭގެ އިތުރަށް ދާ ބައި އަޅުގަނޑުމެން އެކި އެކި ގޮތްގޮތުން މި ހިއްސާ ކުރަނީ،" ކޭމްޕަށް ހަރަދުކުރާ ގޮތް ކިޔައިދެއްވަމުން އެންސީއޭގެ ކިއުރޭޓަ އަހުމަދު ނައީމް ވިދާޅުވި އެވެ.
ގަވައިދުން ކޮންމެ އަހަރު ބާއްވަމުން އަންނަތާ 17 އަހަރު ވެފައިވާ މިކޭމްޕް ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ އަހަރެވެ. މުބާރާތުގައި ސާކްގެ ކޮންމެ ގައުމަކުން ބައިވެރިކުރަނީ ހަ އާޓިސްޓުން ކަމަށް ވިޔަސް ކޭމްޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން މިފަހަރު ރާއްޖޭގެ 14 އާޓިސްޓަކަށް ފުރުސަތު ދީފައިވާ ކަމަށް އެންސީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ކޭމްޕްގައި ބައިވެރިވާނެ ކުރެހުންތެރިން ހޯދާފައި ވަނީ ކުރިން އިއުލާންކޮށްގެންނެެވެ.
ކުޑަބަނޑޮހުގައި ކުރިއަށްދާ ކޭމްޕްގައި ސާކްގެ އާޓިސްޓުން ކުރަހާ ކުރެހުންތައް ދައްކާލުމަށް ބާއްވާ އެގްޒިބިޝަން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ނެޝަނަލް އާޓް ގެލަރީގަ އެވެ.
ސާކް އާޓިސްޓްސް ކޭމްޕް އެންޑް ސެގްޒިބިޝަންގައި ބައިވެރިކުރަނީ ހަމަ އެކަނި ކުރެހުންތެރިން ކަމަށް ވިޔަސް، އާޓްސްގެ އެހެނިހެން ދާއިރާ ތަކުގެ ފަންނުވެރިންނަށް ވެސް ސާކް ކަލްޗަރަލް ސެންޓަރުން މިފަދަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.