މައިންނާއި ޅަދަރިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ، މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ކުށްވެރިކުރައްވަމުން ރައީސް ނަޝީދުގެ ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުމުގެ ހާދިސާތައް އިތުރުވާން ފަށައި، ވަރަށް ނުރައްކާތެރި އަގަލުކުޑަ ހާނިއްކަތައް ކުޑަކުދިންނަށް ކުރެވޭ ކަމުގެ ވާހަކަތަކާމެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި، ގެވެށި ހާނިއްކައާއި އަނިޔާ ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ ކަމުގައި ވިދާޅުވެ، ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ތުލުސްދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާތީ ރޮޒައިނާއަށް ރައީސް ސުކުރުއަދާ ކުރެއްވި އެވެ.


ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ރޭ ފެށިފައިވާ "ހޭ ފެސްޓިވަލް"އާ ބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވި އެވެ. އަދި "ހޭ ފެސްޓިވަލް"ގެ މުހިންމު ބައެއް، މިފަހަރު ރާއްޖޭގައި ބޭއްވުމަކީ، ދިވެހި ލިޔުންތެރިންނާއި، ފަންނާނުން އަދި ހުނަރުވެރީންނަށް ލިބިގެންދާނޭ އުންމީދީ ފުރުސަތެއް ކަމަށާއި، މި ފެސްޓިވަލްގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް މި ފެސްޓިވަލަކީ، ފައިދާ ލިބިދޭ ފެސްޓިވަލެއް ކަމަށް ވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.


މިއަހަރުގެ އެސް.އެސް.ސީ. އިމްތިހާނު ނިމި، ކެމްބްރިޖް އިމްތިހާނު މިހާރު ފަށާފައިވާތީ، ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ދަރިވަރުންވެސް ގަދައަޅައި މަސައްކަތް ކޮށްފައިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި، ހަމައެއާއެކު، އަހަރުގެ ފަހު އިމްތިހާނު، އަންނަ ހަފްތާގައި ބައެއް ސްކޫލްތަކުގައި ފެށުމަށް ހަމަޖެހިފައިވާތީ، މިއީ އިމްތިހާނަށް ތައްޔާރުވެ، ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދަރިވަރުން އަޒުމް ކަނޑައަޅަންވީ ވަގުތު ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.