ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި، ފުލުހުންގެ އިންޓަލިޖެންސުގެ ކުރީގެ ޑައިރެކްޓަރު ސަބްރާ އިބްރާހީމް ނޫރައްދީން (ފޮޓޯ) ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސަބްރާ ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓެއް ހަވާލުކުރުމަށް ފަހު ރޭގެ ވަގުތެއްގައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކޮށް ފައި ވަނީ ކަލަމްބޯ މަގުން ރޭ 10:03ގައި ރާއްޖެ ވަޑައިގަތް ތަނުން އެއާޕޯޓުން ކަމަށް އޭނާގެ ބައްޕަ އިބްރާހީމް ނޫރައްދީން ވަނީ ވިދާޅުވެފަ އެވެ.

ސަބްރާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ދޫކުރި ކޯޓު އަމުރުގައިވާ ގޮތުން ސަބްރާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހު މަޖީދީމަގާއި ނީލޯފަރުހިނގުމާ ގުޅުނު ހިސާބުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.

ސަބްރާގެ ބައްޕަ އިބްރާހީމް ނޫރައްދީން މިއަދު ސަން އަށް ވިދާޅުވީ އޭނާގެ ދަރިފުޅަކީ އުސޫލެއް ގެންގުޅޭނެ މީހެއް ކަމަށާއި މީސްމީހުންގެ ގަޔަށް ބޮލަށް އަރާނެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ "އެދެން އެ ނެރުނީ އަހަރުން ވެސް މަގުމައްޗަށް" ކަމަށެވެ.

ނޫރައްދީން ވިދާޅުވީ ސަބްރާގެ ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.

ސަބްރާ ނޫރައްދީނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.