17 Mar 2013, 11:04
ވެސްޓްޕާކް ރެސްޓޯރަންޓް ކުރިމަތިން މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލައިގެ ހުކުމް އިއްވުން ބުދަ ދުވަހަށް ފަސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އައްޝައިޚް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޝިފާން މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަ މީހުންގެ މައްޗަށް ހުކުމް އިއްވުން ކުރިން މިއަދަށް ތާވަލްކޮށްފައި އޮތް ނަމަވެސް އެ އަޑުއެހުން ބުދަ ދުވަހަށް ފަސް ކޮށްފައިވަނީ އިދާރީ ގޮތުން ނިންމާން ޖެހޭ ބައެއްކަންކަން ނިންމުމަށް ކަމަށެވެ.
އަލީ ޝިފާން މަރާލިކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި މާލޭ ދަފްތަރު 3912 މުހައްމަދު ޝައިފަން އާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާންގެ މައްޗަށެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ބައެއް ހެކީން ހެކިބަސް ދީފައި ނުވި ނަމަވެސް އެމީހުން ތަހުގީގަށް ދިން ބަޔާނުގައި ދައުވާ ލިބޭ މީހުން ކޮށްފައިވާ ކުށް ސާފުކޮށް ކިޔައިދީފައިވާތީ އޭގެމައްޗަށް ބިނާކޮށް މައްސަލަ ނިންމައިދިނުމަށް ދައުލަތުން އެދޭ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ޝައިފަންގެ ޑީއެންއޭ އާ އަލީ ޝިފާންގެ ޑީއެންއޭ އާ ދިމާވާތީ އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގައި ބޭނުންކުރެވޭނެ ހަރުދަނާ ގަރީނާއެއް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.
ޝައިފަން ފިޔަވައި އެހެން މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކިބަހެއް ލިބިފައި ނުވެއެވެ.
އަލީ ޝިފާން މަރާލި ދުވަހު ޝައިފަން އޭނާއަށް ވަޅިން ހަމަލާދިން މަންޒަރު ދުށްކަމަށް މީހަކު ހެކިބަސް ދީފައިވާއިރު ވަޅިއެއް ހިފައިގެން ޝައިފަން އޭނައާ ކައިރިވި މަންޒަރު ދުށްކަމަށް ވެސް މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި އަލީ ޝިފާން މަރާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސައިކަލްގައި ޝައިފަން ދިޔަ މަންޒަރު ދުށްކަމަށް ވެސް މީހަކު ހެކިބަސް ދީފައި ވެއެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އެމީހުންގެ ދިފާއީ ވަކީލުން ވިދާޅުވެފައި ވަނީ މަރުގެ މައްސަލަތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހޭ މައްސަލަތަކެއްކަމަށް ވާއިރު އެމިންވަރަށް ދައުވާ ސާބިތު ކުރެވޭވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.
އެ އެންމެންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި އަލީ ޝިފާން ހުއްޓާ ސައިކަލްތަކުގައި އެމީހުން ގޮސް ތޫނުއެއްޗަކުން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.