އަވަށްޓެރި ޝްރީލަންކާގައި ހިމާޔަތް ހޯދުމުގެ ބޭނުމުގައި ގޮސް ވަޒަންވެރިވެގެން އުޅޭ ދިވެހިންނާއި އަދިވެސް އެހެނިހެން ގައުމުތަކުގެ މުސްލިމް ރައްޔިތުން އެގައުމުން ބޭރު ކުރުމަށް އެގައުމުގެ ޓެކްނޯލޮޖީ، ރިސާޗް އެންޑް އެޓޮމިކް އެނާޖީ މިނިސްޓަރު ޕަޓާލީ ޗަމްޕިކާ ރަނަވާކާ އެގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.

ސްރީލަންކާގެ އޮންލައިން ނޫހެއްކަމަށްވާ ލަންކާސީނިއުސްގައި ޗަމްޕިކާ ރަނަވާކާ ވިދާޅުވިކަމަށް ލިޔެފައިވަނީ ރެފިއުޖީންގެ ގޮތުގައާއި އަދި ސިޔާސީ ހިމާޔަތް ހޯދުމަށް ސްރީލަންކާއަށް ޖަމާވަމުންދާ ގިނަ އަދަދެއްގެ ދިވެހިން، އެގައުމުގެ ރަތުމަލަނާ، ނުގޭގޮޑާ އަދި ދެހިވެލަ ސަރަހައްދުގައި ދިރިއުޅެމުންދާ ކަމަށާއި އަދި މި މައްސަލައަކީ ކުރިއަށް އޮތްތަނުގައި އެގައުމުގެ ސަރުކާރަށް ވަރަށް ސީރިއަސް މައްސަލައަކަށް ވެގެން ދާނޭ ކަމަށެވެ.

"އަލް ޖިހާދު އަލް ގައިދާ" ފޮތުގެ އާ ތަހުރީރު ނެރުމަށް ބޭއްވި ހަފްލާގައި ޗަމްޕިކާ ރަނަވާކާ ވިދާޅުވެފައިވަނީ އެގައުމުގައި އިސްލާމްދީނާއި އަރަބިބަސް އުނގަންނައި ދިނުމުގެ ނަމުގައި ވަޒަންވެރިވެގެން ސައޫދީ ހުރިހައި ރައްޔިތުން ވެސް އެ ގައުމުން ފޮނުވާލުމަށެވެ. އެގޮތުން މިދާކަށް ދުވަހު އެގައުމުގައި، ކާ އެއްޗެއް، އެއީ މުސްލިމުން ކެއުން ހުއްދަވާ ގޮތަށް ތައްޔާރު ކޮށްފައި ވާ އެއްޗެއްކަން ކަށަވަރު ކޮށް ދޭ ސެޓްފިކެޓް ކަމަށް ވާ "ހަލާލު ސެޓްފިކެޓް"ގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކާއި މުސްލިމު އަންހެނުން މޫނާ އެކު މުޅި ހަށިގަނޑު ފޮރުވޭފަދަ ހެދުން އެޅުމަށް ގޮވާލުމުގެ ފަހަތުގައި ވަނީ ކިޔަވައިދިނުމުގެ ނަމުގައި އެގައުމުގައި ދިރިއުޅޭ 700ވަރަކަށް ސައޫދީ ރައްޔިތުން ކަމަށް އޭނާ ތުހުމަތު ކޮށްފައި ވެއެވެ.

ޗަމްޕިކާ ރަނަވާކާގެ ވާކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ ސީޔާސީ ރައްކާތެރިކަމާއި ހިމާޔަތް ހޯދުމަށް ބަރުމާ އާއި ބަންގުލަދޭޝް ފަދަ ގައުމުތަކުން ވެސް ގިނަ އަދަދެއްގެ މުސްލިމުން ލަންކާއަށް އަންނަމުން ދާ ކަމަށާއި އެހެން ކަމުން އެ އެންމެންގެ ފުރިހަމަ "ބޯހިމެނުމެއް" ހެދުމަށްފަހު އެންމެން އަނބުރައި އެބައެއްގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.