17 Mar 2013, 10:51
އިންތިހާބުގެ ސައްހަކަން ކަނޑައެޅޭނީ ވަކި ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާ ނަމަ ކަމަށް ބުނެ، ޔޫރަޕުގެ އިިއްތިހާދުން ނެރެފައިވާ ބަޔާނަކީ ވަރަށް "ދެރަ" އަދި "ގަބޫލުނުކުރެވޭނެ" ވާހަކަތަކެއް އެކުލެވޭ ބަޔާނެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފި އެވެ.
ޔޫރަޕުގެ އިއްތިހާދުގެ ހައި ރެޕްރެޒެންޓޭޓިވް ކެތެރިން އޭޝްޓަން މިމަހުގެ 14 ވަނަ ދުވަހު ނެރެފައިވާ ބަޔާނަށް ރައްދު ދެމުން، ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ އިންތިހާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަން ޔަގީންކުރުމަށް ކަމަށާއި އެކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ޔޫރަޕުގެ އިއްތިހާދު ފަދަ ޒިންމާދާރު ބައިނަލްއަގުވާމީ ޖަމާއަތަކުން މިފަދަ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް އާއްމުކޮށް ދެއްކުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.
"އާއްމުކޮށް ނެރުނު ބަޔާނެއްގައި، ވަކި ކެންޑިޑޭޓަކު ބައިވެރިނުވާ ނަމަ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް އީޔޫއިން ބުނުމަކީ ދެރަ ކަމެއް. ދިވެހިރާއްޖޭގައި ކުރިއަށްދާ ހުރިހާ އިންތިހާބެއް ވެސް ކުރިއަށްދާނީ އެކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތައް ކަން މިފިރުސަތުގައި ފާހަގަަކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މާޗު މަހުގެ 14 ވަނަ ދުވަހުގެ އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ކެތެރިން އޭޝްޓަން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަން ބަލަމުންދާ ކަމަށާއި ހާއްސަކޮށް ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރެވެމުންދާ ދައުވާތަކުގެ މައްސަލަ ކައިރިން ބަލަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ނަޝީދުގެ މައްޗަށް ކުރެވެމުންދާ ދައުވާގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެ އެވެ. ބަޔާނުގައި މިނިސްޓްރީއިން ބުނީ ނަޝީދާ ދެކޮޅަށް ކުރެވެމުންދާ ދައުވާއަކީ ނަޝީދުގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ތަހުގީގުކުރަން އަމުކުރި މައްސަލައެއް ކަމަށާއި އެ މައްސަލައަކީ ކޯޓެއްގެ ގާޒީއަކު ނިޒާމުން ގެއްލުވާލި މައްސަލަ ކަމަށެވެ.
އަދި އެދުވަސްވަރު ޔޫރަޕުގެ އިއްތިހާދުން ވެސް އެގާޒީ މިނިވަންކުރުމަށް ގޮވާލާ، ބަޔާންތައް ނެރެފައިވާ ކަން ފޮރިން މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފަ އެވެ.