17 Mar 2013, 10:23
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުން، މަޖިލީހުން ވަކިކުރި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭނާ މިއަދު އޮފީހަށް ނުކުންނަވައިފި އެވެ.
ސީއެސްސީން ވެސް ވަނީ އެކަން ސަންއަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފަހުމީ އަށް ގުޅުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ ތަފްސީލެއް ލިބޭ ގޮތެއް ނުވެ އެވެ.
ފަހުމީ އިއްޔެ ސަން އަށް ވިދާޅުވީ ސީއެސްސީގެ މެންބަރު ކަމުން އޭނާ ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އޭނާ އަމަލު ކުރައްވާނެ ގޮތެއް މީޑިއާ އަށް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ފަހުމީ ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނަނީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރަކު ފިޔަވައި ދެން ތިއްބެވި ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެ ހުކުމްގައި ބުނަނީ ފަހުމީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަ ބެލުމަށް އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާ މެދު އަމަލު ކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. ޝަރުއީ ކޯޓެއްގައި އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާ ހިނދަކު އެއްވެސް މީހަކަށް އެ މީހަކީ ކުށްވެރިއެއް ކަމަށް ނުބުނެވޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފަހުމީ ވަކިކޮށްފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުން ބޭރުން ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
ސީއެސްސީގެ މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ބުނަނީ އަންހެން މުވައްޒަފެއްގެ ބަނޑުގައި އަތް ކާއްތަމުން "ތި ކަހަލަ ރީތި ހުސް ހަށިބައި އަންހެންކުދިން ފަލަވީމާ ކަމަކު ނުދާނެއޭ" ވިދާޅުވެ، އަތުގައި ހިފައި ބޭއަދަބީ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެ އެވެ.