17 Mar 2013, 10:02
އެއްވެސް މީހަކު ކުށެއް ކުރި ކަމަށް ވަންޏާ އެމީހާ އަށް ޝަރީޢަަތުގައި އެ ދުވަސް ލިބެން ޖެހޭނެ ކަމަށް ރައީސް ވަހީދުގެ ހާއްސަ މަންދޫބު އަދި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރު ތެރޭން" ޕްރޮގުރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ގާނޫނީ ހުކުމަކަށް އެންމެ މީހަކު ތަބާ ނުވި ކަމުގައި ވިޔަސް އެ ލިބިގެން ދަނީ އެންމެންނަށް ވެސް ގާނޫނީ ހުކުމްތަކަށް ތަބާ ނުވުމުގެ ހައްގު ކަމަށެވެ.
"މީހަކު ކުށެއް ކުރި ކަމަށް ވަންޏާ އެމީހާ އަށް ޝަރީޢަތުގައި އެ ދުވަސް ލިބެން ޖެހޭނެ. ޖޯން އޮފް ކެނެޑީ ވިދާޅުވެފައި އޮންނާނެ ގާނޫނީ ހުކުމަކަށް އެންމެ މީހަކު ތަބާ ނުވީމާ ވެސް އެ ލިބެނީ އެންމެންނަށް ގާނޫނަށް ތަބާ ނުވުމުގެ ހައްގޭ. އެންމެ މީހަކު ވެސް އެ މީހެއްގެ މައްޗަށް ކުރާ ހުކުމަކަށް ތަބާ ނުވެ ހިފަހައްޓާލައިފީ ވިއްޔާ އެހެން މީހުންނަށް ލިބެގެން އެ ދަނީ އެ މީހުންގެ މައްޗަށް ކުރާ ހުކުމްތަކަށް ތަބާ ނުވެ ހިފެހެއްޓުމުގެ ހައްގު. އެކަކަށް ހުކުމްތަކަށް ތަބާ ނުވުމުގެ ހައްގު ލިބޭ ކަމަށްވާ ނަމަ އެންމެންނަށް ވެސް އެ ހައްގު އޮންނާނެ." ކުރީގެ ރައީސް މުހައްމަދުގެ މައްޗަށް ކުރާ ޝަރީއަތަށް އިޝާރާތް ކުރައްވައި އާދަމް މަނިކު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ލީޑަރުން ކަންތައް ކުރާ ގޮތަކީ އެ ލީޑަރަކު ކުރަން ނިކުންނަ ކަމެއް ނުވަތަ ކުރަން ފަށާ މަސައްކަތެއް ކާމިޔާބު ނުކުރެވި އެއް ވެސް ސަބަބަކާ ހުރެ އެކަމަކުން ނުވަތަ އެ މަސައްކަތަކުން އިސްތިއުފާ ދިނުމުން އެ މީހަކު ފޭލިވީ ކަމަށް ބަލަނީ ކަމަށެވެ. އެހެން ކަމުން ލީޑަރުންނަކީ ފޭލި ވުމުން ވުމުން އެކަން ގަބޫލު ކޮށްގެން ފަހަތަށް ޖެހެން ޖެހޭ ބައެއް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
"ދުނިތޭގައި ހުރިހާ ތަނެއްގައި ވެސް ލީޑަރުންނަށް ތިބޭ މީހުން ކޮންމެ ސަބަބަކާ ހުރެ ވިޔަސް ކުރަން ނުކުތް ކަންތައް ކާމިޔާބު ނުވާ ނަމަ ކޮންމެހެން ފޭލިވީ އަކަށްވާކަށް ނުޖެހޭ. އެކަމަކު އިންތިހާބެއް ކާމިޔާބު ކުރަން އެހެން ނޫނިއްޔާ ބިލެއް، ޕާލެމެންޓްގައި ފާސް ކުރަން ނޫނިއްޔާ މުއައްސަސާއެއް ހިންގަން ހަވާލު ކުރީމަ އެތަނުގެ މުވަޒަފުންތަކެއް ކޮންމެވެސް ގޯސް ކަމެއް ކުރީ، އެކަމަކު މުއައްސަސާގެ ވެރި މީހާ އިސްތިއުފާ ދެނީ. ސަބަބަކީ އެމީހާއަށް ވުރެ މުއައްސަސާ މުހިންމު ވަނީ. އެއަށް ވުރެ ޕާޓީ މުހިންމު ވަނީ. އެހެން ވީމަ އެންމެ އިސްކޮށް ހުންނަ މީހާ ފެއިލް ވީމަ އެ މީހާ ޖެހޭނީ ދުރަށް ދާން." އާދަމް މަނިކު ވިދާޅުިވި އެވެ.
އާދަމް މަނިކް އިތުރަށް ވިދާޅުވީ ލީޑަރެއް ކަމަށް ވަންޏާ ވާހަކަ ދައްކައިގެން ކަންތައްތައް ހައްލު ކުރެވެން ޖެހޭނެ ކަމަށާއި އަދި ލީޑަރުންނަކީ ހިޔާލު ތަފާތުވާ ވަގުތުތަކުގައި ހިޔާލު އެއް ގޮތް ކޮށްގެން އެކުގައި މަސައްކަތް ކޮށް ކުރިއަށް ދާން އެނގޭ މީހުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ވެސް މަގުމަތިން ކަންތައްތައް ކުރަން އުޅުމުގެ ބަދަލުގައި މަޝްވަރާގެ ރިވެތި އުސޫލުން ކަންތައްތައް ކުރަން ވެއްޖެ ކަމަށެވެ. އެގޮތުން އާދަމް މަނިކު ވަނީ ރައީސް ނަޝީދާއި ރައީސް ވަހީދުގެ ދެމެދުގައި މަޝްވަރާކޮށްގެން ކަންތައް ހައްލު ކުރެއްވުމަށް ގޮވައި ލައްވާފަ އެވެ.
އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ފޭލި ވުމުގެ އަސްލަކީ ވެސް އެމްޑީޕީން އަބަދު މަގުމަތީގައި އުޅެ ކުރިމަތިލުންތަކަށް ދިއުމުގެ ގޮތް އިސް ކުރުމުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީ އަކަށް ވެސް އެއްވެސް ލީޑަރަކަށް ވެސް މަގުމަތިން ވެރިކަން ބަދަލުކޮށް ނުހެދޭނެ ކަމަށާއި އަދި މަގުމަތިން ވެރިކަން ވެސް ނުކުރެވޭނެ ކަމަށެވެ.
ކުރިއަަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އާދަމް މަނިކު ވިދާޅުވީ އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނަވާނީ ރައީސް ވަހީދުގެ ފަހަތްޕުޅުގައި ކަމަށާއި އެހެން ނަމަވެސް އެމްޑީޕީން ބޭރު ނުކުރާހާ ހިނދަކު އެ ޕާޓީގައި ދެމި ހުންނަވާނެ ކަމަށެވެ.