17 Mar 2013, 10:01
އިންޑިޔާއިން ޖައްވަށް ދޫކުރުމަށް ހަމަޖައްސާފައިވާ އެގައުމުގެ ސަރަހައްދީ ހަތް ނެވިގޭޝަން ސެޓެލައިޓްގެ ސިސްޓަމް (އައިއާރުއެންއެސްއެސް)ގެ ތެރެއިން ފުރަތަމަ ސެޓެލައިޓް އަންނަ ޖޫން މަހު ޖައްވަށް ފޮނުވޭނޭ ކަމަށް އެ ގައުމުގެ ޖައްވީ ދިރާސާތައް ކުރާ މުއައްސަސާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރުއޯ)އިން ބުނެފި އެވެ.
އަވަށްޓެރި އިންޑިޔާގެ ޖައްވީ އިދާރާގެ ޗެއާމަން ކޭ ރާދަ ކްރިޝްނަން ވިދާޅުވީ މިހާރު އެގައުމުން ޓެސްޓުކުރުމަށް ތައްޔާރުވެފައިވާ އެގައުމުގެ ފުރަތަމަ ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް ޖައްވަށް ދޫކޮށްލުމުން އިންޑިޔާ އާއި އިންޑިޔާގެ ސަރަހައްދުގެ 1500 ކިލޯމީޓަރު ސަރަހައްދުގެ "ޕޮޒިޝަން އެކިއުރެސީ" 10 މީޓަރު ކުރިއަށް ވުރެ ރަނގަޅުވެގެން ދާނޭ ކަމަށެވެ.
އެގައުމުގެ ފުރަތަމަ އައިއާރުއެންއެސްއެސް ދޫކޮށްލުމަށް ހަމަޖެހިފައި ވަނީ ޕޯލާ ސެޓެލައިޓް ވެހިކަލް ލޯންޗިން އުޅަދެއްގައި، އަންދްރަޕްރަދޭޝް އާއި ޗެންނާއީގެ އައްސޭރިފަށުގެ އިރު-އުތުރުން 90 ކިލޯމީޓަރު ދުރުގައި އޮންނަ ބޭއޮފް ބެންގަލްގެ ސްރިހަރިކޮތާގެ ޖައްވީ ބަނދަރުން ނެވެ.
އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ޖައްވީ އިދާރާއިން ރާވާފައިވަނީ ފުރަތަމަ ނެވިގޭޝަން ސެޓެލައިޓް އޯބިޓްގައި ތިންމަސް ދުވަހު ޓެސްޓު ކުރުމަށްފަހު ދެވަނަ ސެޓެލައިޓް ޖައްވަށް ފޮނުވުމަށެވެ. އަދި ބާކީ ހަތް ސެޓެލައިޓް 2014 އާއި 2015 އާދެމެދު 14 މަސްދުވަހުގެ ތެރޭގައި ޖައްވަށް ފޮނުވުމަށެވެ.
އައިއާރުއެންއެސްއެސްގެ ސްޕޭސް ސެގްމެންޓާއި ގްރައުންޑް ސެގްމެންޓް އަދި ޔޫޒާ ސެގްމެންޓުން އެއްފަހަރާ އެތައް ހިދުމަތެއް ފޯރުކޮށްދޭއިރު މޫސުމީ ކޮންމެ ހާލަތެއްގައިވެސް ސައުވީސްގަޑިއިރު މެދުނުކެނޑި، ވައިގެ ދަތުރުކުރާ އުޅަނދުފަހަރާއި ކަނޑުދަތުރުކުރާ އުޅަނދުފަހަރާއި "އޮބްޒަވޭޝަނަލް ޕޯސްޓް" ތަކަށް ހިދުމަތް ދެވޭނޭ ކަމަށް އެފަރާތުން ހާމަކޮށްފައި ވެއެވެ.
ރާދަކްރިޝްނަން ހާމަކުރެއްވި ގޮތުގައި އައިއާރުއެންއެސްއެސްގައި އެލް5 އަދި އެސް-ބޭންޑް ސިގްނަލް ހިމެނޭއިރު އޭގައި ބޭނުން ކުރެވޭ ފްރިކުއެންސީ އަކީ 1176.45މެގަހާޓްޒް އާއި 2492.028މެގަހާޓްޒް ފްރިކުއެންސީއެވެ. އަދި މި ސަމުގާގެ ނިޒާމުން އާންމުންނަށް "ސްޓޭންޑަޑް ޕޮޒިޝަނިން ސާވިސް" ދޭގޮތަށް ހަމަޖެހިފައިވާއިރު ވަކި ހުއްދައެއް ލިބިފައިވާ ދާއިރާތަކަށް "ރެސްޓްރިކްޓެޑް ޕޮޒިޝަނިން ސާވިސް" ލިބޭނެ އެވެ.