ހުސްވި ފެބުރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި ނިސްބަތް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާ އިރު 25 ޕަސެންޓް އިތުރުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ މަހު ރާއްޖެ އަށް ވަނީ 104745 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު ފެބުރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 83252 ޓުރިސްޓުންނެވެ. އެހެންކަމުން މިއީ 25.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މަހަށް ބަލާ އިރު ރާއްޖެ އަށް ޒިޔާރަތްކުރި ޓުރިސްޓުންގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެ އަށް 33592 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ މަހަކީ ޗައިނާގެ އާ އަހަރު ފެށުން ފާހަގަކުރި މަސް ވެސްމެ އެވެ.

ޒަމާންވީ ބައެއް މާކެޓުތަކަށް ބަލާ އިރު މިހާރު ހީނަރުވެފައިވާ ޔޫރަޕު ސަރަހައްދުން މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ވަނީ 54095 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހާއި އަޅާބަލާ އިރު 6.2 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ މަހު ޔޫރަޕު ސަރަހައްދުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިޓަލީ އިން ރާއްޖެ އަށް 7832 ޓޫރިސްޓުން ޒިޔާރަތްކުރި އިރު ފުރާންސް އިން ވަނީ 7832 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އަދި ޖަރުމަނު ވިލާތުން 7755 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި އިރު ރަޝިއާ އިން ވަނީ 5370 ޓުރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

ސަރަހައްދުތަކަށް ބަލާއިރު ޔޫރަޕު ސަރަހައްދުން ރާއްޖެ އަށް 54095 ޓުރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު އޭޝިއާ ސަރަހައްދުން ވަނީ 45774 ޓުރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީމަހާ އަޅާބަލާ އިރު 43.7 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެމެރިކާ ސަރަހައްދުން 2541 ވަނީ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.