މަޖީދީ މަގުގައި ހުންނަ ޗެކް މާކް ފިހާރަ ހުންނަ ހަބުރި އިމާރާތުގައި ރެނދުލައި، އަރިއަޅާލީ އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ގަވާއިދާ ހިލާފަށް ކޮނުމުގެ މަސައްކަތް ކުރަމުންދިޔުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.


މއ. ސޭލަމްގެ އަރިއަޅަމުންދާ މައްސަލަ ބެލުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފޯރ ހައުސިން މުހައްމަދު ޝަރީފް ރޭ ވިދާޅުވީ، އެ އިމާރާތް އަރިއަޅާލީ، އެތަނާ ޖެހިގެން ހުރި ޖަންބުގޭގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ކޮންނަމުން ދިޔައީ، ގަވާއިދާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ.


ޝަރީފް އިތުރަށް ވިދާޅުވީ، އެ އިމާރާތުގައި މީހުން ދިރިއުޅެން ރައްކާތެރި ނޫން ކަމަށް ދެކެވަޑައިނުގަންނަވާ ނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް، ސޭލަމްގޭގެ އަޑިން ފަސްގަނޑުދެމިފައިވާ ކަމަށާއި އެތަނަށް ފަސް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ފުލުހުން ބުނީ، މއ. ސޭލަމްގެ އަރިއަޅަމުންދާކަން ފުރަތަމަ ރިޕޯޓް ކުރީ ޗެކްމާ މާކު ފިހާރައިގެ ދޮރުލެއްޕުމުގައި މައްސަލަތަކެއް ދިމާވެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާތީ ކަމަށެވެ.


ފުލުހުން މިއަދު ބުނީ، އެ އިމާރާތަށް ލިބުނު ގެއްލުން ބެލުމަށްފަހު އިންޖިނިއަރުން ބުނެފައިވަނީ އެތަން އިތުރަށް އަރިއަޅަމުން ނުދާ ކަމަށެވެ. އެހެންނަމަވެސް، އެ އިމާރާތް އަރިއަޅަމުންދަނީ  ޖެހިގެން ހުރި ޖަންބުގޭގެ އިމާރާތް ހެދުމަށް ކޮންނަމުންދާ 3.5 މީޓަރުގެ ފުން އަދި އަށް ފޫޓުގެ ވަޅުގަނޑެއް ކޮނެފައިވާތީ ކަމަށާއި މިވަގުތަށް އޮތް ހައްލަކީ އެ ވަޅުގަނޑަށް ފަސް އަޅައި ބައްދާލުން ކަމަށެވެ. އަދި އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނީ އެމްއެންޑީއެފާއި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


އިމާރާތަށް ލިބުނު ގެއްލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ، ގްރައުންޑް ފްލޯގައި ހަދާފައި ހުރި ޗެކްމާކު ފިހާރައަށެވެ. އެ ފިހާރައިގެ ތަށިމުށިން ދެ ތަނަކުން ރެނދުލާފައިވެ އެވެ. އަދި ބިއްލޫރިގަނޑު ވަނީ ބޭރަށް ބަނޑިވެފަ އެވެ. ލިބިދާނެ ގެއްލުމަކަށް ބަލައި ރޭ ވަނީ ޗެކުމާކް ފިހާރައިގެ ދޮރުމަތީގައި ސަތަރިގަނޑެއް ޖަހައި ފިހާރައިގެ މޫނު މަތި ނިވާ ކޮށްފަ އެވެ.