17 Mar 2013, 09:18
ބްރަސަލްސް (މާޗް 17): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމާ މެދު ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ގެންގުޅޭ ވިސްނުމާ ޔޫރަޕްގެ އިއްތިޙާދުގެ އެހެންގައުމުތައް ދެކޮޅު ކަމަށް އެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވިލަރެސް ވެރިޔާ ކެޓްރިން އެޝްޓަން ވިދާޅުވެއް އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ވެރިން ބްރަސަލްސްގައި ބޭއްވި ބައްދަލުވުމެއްގައި ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ގިނަ ގައުމުތަކުން ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް އެ އިއްތިޙާދުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ކުރަމުންގެންދާ މަސައްކަތަށް ދެކޮޅު ހަދާފައި ކަމަށް އެޝްޓަން ވިދާޅުވި އެވެ. ޔޫރަޕްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވިދާޅުވީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިން ނަމަވެސް އެ މީހުންގެ ތެރޭގައި ހިމެނޭ އަލްޤާޢިދާ ފިކުރުގެ ފަރާތްތަކުގެ އަތްމައްޗަށް ހަތިޔާރު ނަރާނެކަމުގެ ގެރެންޓީ ސޫރިޔާގެ އިދިކޮޅު ލީޑަރުން ދެއްވާފައިވާ ކަމުގަ އެވެ.
ސޫރިޔާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ އިނގިރޭސިބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި ޔޫރަޕްގެ ލީޑަރުންގެ ބައްދަލުވުމުގައި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ލީޑަރުން އެއްބަސްވެފައި ވަނީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް ނިންމާފައިވާ ނިންމުން އެގޮތުގައި ބޭއްވުމަށެވެ.
ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވަނީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްދަކުރުމަށް ޔޫރަޕްގެ ލީޑަރުން ބޭނުންނުވާ ނަމަ އެފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދޭން ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެ މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ފަރަންސޭސި ޚާރިޖީ ވަޒީރުގެ މިވާހަކަތަކުގެ މުހިއްމުކަން ކުޑަވާ ފަދަ ގޮތަކަށް ފަހުން އިނގިރޭސި ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު ވަނީ ވާހަކަ ދައްކަވާފަ އެވެ.(ނޫސްއެޖެންސީތައް)