ރާއްޖެއަކީ ބޭރުގެ މުދަލަށް ބަރޯސާވެފައިވާ ގައުމެއްގެ އިތުރުން ގިނަ ބޭނުންތަކަކަށް ރާއްޖެ އިން ބޭރަށްދާ ބައެއް ކަމުން ޑޮލަރުގެ ޑިމާންޑް އަބަދު ވެސް އޮންނަނީ މަތިވެފަ އެވެ. ޑޮލަރުގެ މުހިންމުކަމާ އެކު ޑޮލަރުގެ ޑިމާންޑް މަތި ވެފައިވާ އިރު ކުރީގެ ސަރުކާރުން 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޑޮލަރުގެ އަގު 12.85 ރުފިޔާ އިން 15.42 ރުފިޔާ އަށް ބަދަލުކުރުމާ އެކު ޑޮލަރުގެ ބުލެކް މާކެޓްގައި އަގު އިތުރަށް މައްޗަށް ދިޔަ އެވެ. ޑޮލަރުގެ ޑިމާންޑް އިންތިހާޔަށް ބޮޑުވެފައިވެ އަދި ޑޮލަރު ލިބުން ދަތިވެ ޑޮލަރަށް "ސަލާންޖަހަން" ޖެހުނުނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ޑޮލަރުގެ މައްސަލަ ހައްލުކުރެވޭކަމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ.

"އަޅުގަނޑުގެ ދެ ދަރިން ތިބޭނީ މެލޭގައި ކިޔަވަން، އެހެންވެ އަޅުގަނޑަކީ ކޮންމެ މަހަކު ވެސް އެކުދިންގެ ހަރަދުތަށް ކުރުމަށް ޑޮލަރު ހޯދަން ޖެހޭ މީހެއް، މީގެ ކުރިން އަޅުގަނޑުމެން ޑޮލަރު ހޯދުމަށް ބޮޑެތި ވިޔަފާރިވެރިން ގާތަށް ގޮސް ސަލާންޖަހަން ޖެހެނީ، އެކަމަކު މިހާރު 16.50 އަށް އަޅުގަނޑަށް ލިބޭ ބޭނުންވަރަށް، ކުރިން 18 އަށް ވެސް ހޯދުން ދަތި،" އާއިލާ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހަކު ވާހަކަ ދައްކަމުން ބުންޏެވެ.

ބޭރުގެ ގައުމުތަކުން އިމްޕޯޓްކުރާ މުދަލަށާއި ބޭރުގެ ގިނަ ހިދުމަތްތަކަށް ބަރޯސާވެފައިވާ މިގައުމުގެ ޑޮލަރުގެ ރޭޓް 15.42 އަކަށް ބަދަލުކުރުމާ ގުޅިގެން ބެންކުތަކުން ވެސް ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަތިވެގެން ދިޔަ އެވެ. ހަމައެއާ އެކު ކުރިން 15.42ރ. އަށް ހުރި ޑޮލަރުގެ އަގު އަރައިގެން ދިޔައީ 20ރ. އާއި 21ރ. ގެ ދޭތެރެއަށެވެ. ހަމައެއާ އެކު ވިޔަފާރިވެރީންނަށް ވެސް މަޖުބޫރުވެގެންދިޔައީ ބޮޑުއަގުގައި ޑޮލަރު ގަންނާށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ތަކެތީގެ އަގު ބޮޑުވެގެންދިޔަ ތަނެވެ.

މާލީ ވަޒީރު ޢަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ޑޮލަރުގެ އަގު ދަށަށް ގޮސް އަދި ޑޮލަރު ލިބުން ފަސޭހަވެފައިވާ ކަމަށެވެ. ޖިހާދު ވިދާޅުވީ ޑޮލަރު ލިބުން މިހާރު އިތުރުވެފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ލިބޭ ޑޮލަރު ބެންކް އޮފް މޯލްޑިވުސް (ބީއެމްއެލް) ގައި ބަހައްޓާތީ އާއި މިހާރަކަށް އައިސް ޓޫރިޒަމް ވެސް ރަނގަޅުވަމުން އަންނާތީ ކަމަށެވެ.

ގިނަ ބޭނުންތަކަކަށް ޑޮލަރު ބޭނުންވެ އެތައް މިލިއަން ޑޮލަރެއް ވިއްކަމުންދާ އިރު ރާއްޖެ އަށް ޑޮލަރު ލިބެންއޮތީ މަދު ދާއިރާތަކަކުންކަން ފާހަގަކޮށްލެވެ އެވެ. ރާއްޖޭގައި ފުޅަދާއިރާއެއްގައި ވިޔަފާރި ކުރާ ފަރާތްތަތާއި ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނަނީ އެފަރާތްތަކުން ބޭނުން ވަރަށް ޑޮލަރު ލިބުމަށް އަދިވެސް ވަރަށް ދަތިތަކަކާ ކުރިމަތިވާ ކަމަށާއި ނަމަވެސް ކުރިއާ އަޅާބަލާ އިރު މިހާރު ޑޮލަރު ލިބުމަށް ފަސޭހަ ކަމަށެވެ. އެމީހުން ބުނަނީ ކުރިން ބުލެކު މާކެޓުގައި 20ރ. އާއި 21ރ. އާއި ދޭތެރޭގެ އަގުތަކުގައި ހުރި ޑޮލަރު މިހާރު 16.50ރ. އަށް ނުވަތަ އެންމެ އަގުބޮޑުވެގެން 17.00 އަށް ލިބޭ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އަދި ރާއްޖޭގައި ފުޅާދައިރާއެއްގައި ވިޔަފާރިކުރާ ސުޓޭޓް ޓުރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން ބެންކް ރޭޓްގައި ގިނަ އަދަދެއްގެ ޑޮލަރު ހޯދަން ދަތިތަކެއް އެބަހުރި ކަމަށާއި ނަމަވެސް ޕްރައިވެޓް ސެކްޓާއަށްބަލާ އިރު ކޮންމެ ވެސް މިންވަރަކަށް ޑޮލަރު ހޯދުމަށް މިހާރު ފަސޭހަ ކަމަށެވެ.

"ޑޮލަރުގެ އަގު ދަށަށް ދާ ސަބަބަށް ބަލާ އިރު މާކެޓްގައި ޑޮލަރުގައި ހުރި މިންވަރު މާގިނަކަމަށް ވެދާނެ، އަޅުގަނޑަށް ހީވަނީ ކުދިކުދި އެމައުންޓް ހޯދުމުގައި ޕޮސިބިލިޓީ މިހާރު ފަސޭހައޭ ކުރިއަރާއަޅާބަލާ އިރު،" ޝާހިދު ވިދާޅުވި އެވެ.

ޑޮލަރުގެ ލިބުން ކުރިއާއަޅާބަލާ އިރު މިހާރު ވެފައިވާ އިރު އޭގެ އެންމެ ބޮޑު އެއް ސަބަބެއްކަމަށް ސަރުކާރުން ދެކެނީ އެއާޕޯޓް ޖީއެމްއާރް އަތުން އަތުލުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ ޑޮލަރު ރާއްޖޭގެ ބެންކްތަކުގައި ބެހެއްޓުމެވެ. އެގޮތުން ރާއްޖެއަކީ ފައިސާ ކިތަންމެ ވަރަކަށް އެތެރެކުރެވޭ އަދި ބޭރުކުރެވޭ ގައުމަކަށްވާ އިރު މީގެ ކުރިން ގައުމުގެ މައިދޮރާށި ކަމުގައިވާ އެއާޕޯޓުން ލިބުނު އާމްމުދަނީގެ ބޮޑު ޕަސެންޓެއް ރާއްޖެ ބޭރަށް ދިއުމުގެ ބަދަލުގައި އެ ޑޮލަރުތައް ރާއްޖޭގެ އެކިއެކި ބޭންކުތަކުގައި ބެހެއްޓުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ މާކެޓްގައި ޑޮލަރު ގިނަވި އެއް ސަބަބެވެ. އަދި ހަމައެހެންމެ ޓޫރިޒަމް ރަނގަޅުވުމާ އެކު މިހާރުގެ ޓޫރިޒަމް އަކީ ދިވެހިންގެ ބޮޑު ހިއްސާއެއް އޮވެގެން ހިނގާ ޓުރިޒަމް ވިޔަފާރިޔަކަށް ވުމަކީ ވެސް ޑޮލަރު ރާއްޖޭގައި ގިނަވާ އެއް ސަބަބެވެ. އަދި ހަމައެހެންމެ ރާއްޖެ އިން ބޭރަށް މަސް އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުވުމާއި ކުރިއާ ހިލާފަށް އާ ސަރަހައްދުތަކުން ރާއްޖޭގެ މަހަށް ޑިމާންޑް ބޮޑުވުން ވެސް ފާހަގަކޮށްލެވެ އެވެ.

އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ޑޮލަރު ލިބުން މިހާރު ފަސޭހަވެފައިވާ ސަބަބުތަކުގެ ތެރޭގައި ބީއެމްއެލް އިން ވިސާ ޑެބިޓް ކާޑް އާ ކޮށްދިނުމާއި ބޭންކުތަކުން ވެސް ޑޮލަރު ލިބުން ކުރިއާ ހިލާފަށް ފަސޭހަވެފައިވާ ކަމަށެވެ. މިނިސްޓަރު ވެސް ވިދާޅުވީ ރާއްޖޭގެ މާކެޓުގައި ޑޮލަރު އިތުވާ މައިގަނޑު ސަބަބަކީ ޖީއެމްއާރް އިން ރާއްޖޭގައި އިންވެސްޓްކުރި އިރު ރާއްޖެ އިން ބޭރުކުރި ޑޮލަރު މިހާރު ރާއްޖޭގައި ހިފެހެއްޓޭނެ ފުރުސަތު ލިބިފައިވާތީ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު ކުރިއަށްއޮތްތަނުގައި ވެސް ޑޮލަރު ފަސޭހަކަމާ އެކު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ކުރިއާބަލާ އިރު ރާއްޖޭގައި ޑޮލަރު ލިބެން ފަސޭހަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ޑޮލަރު ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ.

ޑޮލަރަކީ ލިބުން ކިތެންމެހާ ވެސް ދަތިއެއްޗަކަށް ވެފައިވަނިކޮށް ކުރިއަށްވުރެ ޑޮލަރު ލިބުން ފަސޭހަވެގެން ދިޔަ ދިއުމަކީ ވަރަށް ވެސް ބޮޑު ކާމިޔާބީއެކެވެ. ސަބަބީ ޑޮލަރަކީ އުފެއްދުންތެރިކަމެއް ނެތް އަދި ބޭރުގެ ގިނަ ހިދުމަތްތަކަކަށް ބަރޯސާވެފައިވާ މިގައުމަށް މުހިންމު ފައިސާއަކަށްވުމެވެ. އެހެންކަމުން ޑޮލަރުގެ ރޭޓް މިހާރަށް ވުރެ ރަނގަޅުކޮށް ޑޮލަރަކީ ފަސޭހަކަމާ އެކު ހަމަ އަގުގައި ލިބޭ އެއްޗަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ވެސް ކުރަންޖެ އެވެ. އެގޮތުން މިހާރަށް ވުރެ ރާއްޖެ އިން ބޭރަށްދާ ޑޮލަރުގެ މިންވަރު ދަށްކޮށް ރާއްޖެއަށް ބޭރު ފައިސާ ލިބޭ ގިނަ މަޝްރޫއޫތަކެއް ފަށަން ޖެހެ އެވެ. އަދި ހަމައެއާ އެކު ރާއްޖެ އިން އިންވެސްޓްކޮށްގެން ހޯދާ ފައިސާއަކީ ރާއްޖޭގެ ބެންކުތަކަށް މާރުކުރާ ފައިސާކަމުގައި ހެދުމަށް ގަވައިދުތަކެއް ހަދަން ޖެހެ އެވެ.