17 Mar 2013, 00:05
ސެކަންޑަރީ އިނގިރޭސީ ޓީޗަރަކު ހަމަނުޖައްސައިގެން ގދ. އަތޮޅު މަދަރުސާގެ ބެލެނިވެރިން ނުކުމެ ސްކޫލްގައި ތަޅުއަޅުވައިފި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވީ ބެލެނިވެރިން ނުކުމެ މިރޭ 10:00 ހާއިރު އަތޮޅު މަދަރުސާގައި ތަޅުއަޅުވާފައި ވަނީ އެ ސްކޫލްގައި ހުރި ސެކަންޑަރީ އިނގިރޭސި ޓީޗަރަކު އެހެން ރަށަކަށް ބަދަލު ކުރުމަށް ފަހު އޭނާގެ ބަދަލުގައި ޓީޗަރަކު ހަމަޖައްސައި ނުދީގެން ކަމަށެވެ.
ރިޒާން ވިދާޅުވީ އެ ޓީޗަރު އެހެން ރަށަކަށް ބަދަލުކުރަން އުޅޭކަން އެނގިގެން އިތުރު ޓީޗަރަކު ނުލިބެނީސް ރަށުން ޓީޗަރު ފޮނުވާނުލުމަށް ސްކޫލްގެ ބެލެނިވެރިން މީގެ ކުރިން ސްކޫލްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް ބެލެނިވެރިން އެދުނުގޮތަށް އަމަލު ކޮށްފައި ނުވާތީ ބައެއް ބެލެނިވެރިން ސްކޫލްގައި ތަޅުއެޅުވުމަށްފަހު އެމީހުންގެ ޝުއޫރު ފާޅުކުރުމަށް މިރޭ ސްކޫލް ކައިރީ އިހްތިޖާޖު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލުން ފޮނުވާލި ޓީޗަރުގެ ބަދަލުގައި އާ ޓީޗަރަކު މާލޭގައި ހުރި އެ ސްކޫލްގެ ޕްރިންސިޕަލާއެކު މިއަދު ރަށަރަށް ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ކަމަށާއި ނަމަވެސް ރޭގެ ވަގުތެއްގައި ފުލުހުން ޕްރިންސިޕަލް ހައްޔަރުކޮށްފައިވާތީ ޓީޗަރަށް ރަށަށް އާދެވޭ ގޮތެއް ނުވި ކަމަށް ވެސް ރިޒާން ވިދާޅުވި އެވެ.
ބެލެނިވެރިންގެ ޝަކުވާތަކާ ގުޅިގެން ގައްދޫ ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއާ ސުވާލު ކުރުމުން މާދަމާގެ ވަގުތެއްގައި އެރަށަށް ޓީޗަރު ފޮނުވައިދެވޭވަރު ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޒާން ވިދާޅުވި އެވެ.