16 Mar 2013, 23:11
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުގެ ކާރަށް މިރޭ މީހަކު ރާ ފުޅިއެއް ލާފައިވާ ކަމަށް އޭނާގެ ކެމްޕޭން މެނޭޖަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މާޒް ސަލީމް ވިދާޅުވީ އުމަރުގެ ކާރުގެ ތެރެއަށް މީހަކު ރާފުޅިއެއް ލާފައި ވަނީ މިރޭ 8:00 އެހާކަންހާއިރު ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ވެސް ކާރުގެ ޑްރައިވަރު ކަމަށެވެ.
މާޒް ސަލީމް ވިދާޅުވީ މިރޭ އިޝާނަމާދުގެ ކުރީގެ ވަގުތެއްގައި އޭނާއާއި ކާރު ޑްރައިވަރުގެ އާއިލާގެ މީހުން ކާރުން ދަތުރު ކުރުމަށް ފަހު އާއިލާގެ މީހުން ގެޔަށް ލާފައި ނޫރު މިސްކިތް ކައިރިން ދަނިކޮށް ސައިކަލެއް އެކާރުގައި ޖެހުނު ކަމަށާއި އެވަގުތު އެ ސައިކަލް ދުއްވަން އިނީ ޑްރައިވަރު ދަންނަ މީހެއް ކަމަށެވެ.
ކާރުން ފޭބުމަށް ފަހު ސައިކަލް ދުއްވަން އިން މީހާއާ ޑްރައިވަރު ސުވާލު ކުރިކަމަށާއި އެވަގުތު ކާރުގައި ސައިކަލް ޖެހުނީ ކަމަށް އެމީހާ ބުނުމުން އެއީ މާބޮޑުކަމަކަށް ނަހަދައި އެތަނުން ދިޔުމަށް އެމީހާ ކައިރީ ޑްރައިވަރު ބުނި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެވަގުތު ޑްރައިވަރާ ދިމާލަށް ހަޅޭލައްވައި ސައިކަލްގެ ފަހަތުގައި އިން މީހާ އަޑުގަދަ ކުރަން ފެށުމުން މިސްކިތުން ނުކުތް ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި ކަމަށާއި ކާރުގެ ތެރެއަށް ރާފުޅި ލާފައި ވަނީ އެވަގުތު ކަމަށެވެ. ނަމަވެސް ރާފުޅި ކާރުގެ ތެރެއަށް ލިކަން އެނގުނީ މާފަހުން ކަމަށް ސަލީމް ވިދާޅުވި އެވެ.
މީހުން އެތަނަށް އެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނުން ދިޔުމަށް ސައިކަލް ދުއްވަން އިން މީހާ ޑްރައިވަރު ކައިރީ ބުނުމުން އޭނާ ކާރުގައި ދަނިކޮށް ކާރު ތެރެއިން ފުޅިއެއް ފެނިގެން މަގުމައްޗަށް އެ ފުޅި އެއްލާލުމުން އެ ފުޅި ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި އެވަގުތު އެ ކާރު "ފޮލޯކުރަމުން"ދިޔަ ދެ މީހަކު "ތިއެއްލާލީ ރާފުޅިއެއް ނޫންހޭ" ޑްރައިވަރާ ދިމާލަށް ބުނުމުން އޭނާ ވަގުތުން ފުލުހުންނަށް އެކަން ރިޕޯޓް ކުރިކަމަށާއި ދެން ފުލުހުން އެތަނަށް ގޮސް ޑްރައިވަރުގެ އަތުގައި ބިޑިއެޅުވީ ކަމަށެވެ.
ސަލީމް ވިދާޅުވީ އެވަގު އޭނާ އެތަނަށް ގޮސް ބިޑިއެޅުވުމާ ބެހޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން ކާރު ޗެކުކުރަން ބޭނުންވާ ކަމަށް ފުލުހުން ބުނި ކަމަށާއި ޑްރައިވަރާއި ދެމީހުންގެ ހާޒިރުގައި ޗެކްކުރުމަށް ފަހު ކާރުގައި އެއްޗެއް އޮތްކަން ނުވަތަ ނޫންކަން އަންގައިދޭ ލިޔުމެއް ދިނުމަށް އޭނާ އެދުނު ކަމަށެވެ. އަދި އެގޮތަށް އެދުމުން އިސްކަންދަރު ކޮއްޓަށް ކާރުވައްދާފައި ލިޔުން ދޭނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އިސްކަންދަރުކޮށްޓަށް ކާރު ވެއްދުމާ އެކު ފަހުން އެ ލިޔުން ދޭނެ ކަމަށް ބުމުނުމަށް ފަހު ޑްރައިވަރު ހައްޔަރުކޮށްގެން ޕޮލިސް ކަސްޓޯޑިއަލަށް ގެންދިޔައީ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
މިކަން ހިނގިއިރު އުމަރު ހުންނެވީ ކެމްޕޭން ދަތުރެެއްގައި ނ. މިލަދޫގައި ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާރެއްގެ ފަހަތު ޝީޓު ތެރެއަށް ހުސްފުޅިއަކާއި އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ފުޅިއެއް ލާފާއިވާ މައްސަލައެއް އެ ކާރުގެ ޑްރައިވަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭ އާޓިފިޝަލް ބީޝްގައި ބޭއްވި ކެމްޕޭން ޖަލްސާއި އުމަރު ވިދާޅުވެފައި ވަނީ އޭނާގެ އޮފީހެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ބެހެއްޓުމަށް ފަހު އެ ތަނަށް ފުލުހުން ވައްދަން ބަޔަކު ދާދިފަހުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެމީހުންގެ ބޭނުމަކީ އޭނާގެ އަޑުކަނޑުވާލުން ކަމަށެވެ.