ފުލުހުންގެ އިންޓަލިޖެންސުގެ ކުރީގެ ޑައިރެކްޓަރު ސަބްރާ ނޫރައްދީން ރާއްޖެ އިން ބޭރުން މިރޭ ވަޑައިގަތްތަނުން އޭނާ އެއާޕޯޓްގައި ހިފަހައްޓާފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ސަބްރާގެ ބައްޕަ އިބްރާހީމް ނޫރައްދީން މިރޭ ސަން އަށް ވިދާޅުވީ އޭނާގެ ދަރިފުޅު ކަލަމްބޯ މަގުން މިރޭ ރާއްޖެ ވަޑައިގަތް ތަނުން އޭނާ އެއާޕޯޓްގައި ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އިބްރާހީމް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އޭނާގެ ދަރިފުޅު ހިފަހައްޓަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ސަބްރާއަކީ އޭނާއެކޭ އެއްގޮތަށް ދިވެހި ގައުމަށް ތެދުވެރިވާނެ މީހެއްކަން އޭނާ އަށް ޔަގީންވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހު މާލޭގައި ހިނގައި ދިޔަ މާރާމާރީއެއްގައި ފުލުހެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ އުމުރުން 26 އަހަރުގެ އަންހެނަކު މިރޭ 10:15ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.

ސަބްރާ ނޫރައްދީނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.