16 Mar 2013, 22:01
ރާއްޖޭގެ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ މި އަހަރުގެ ބަޖެޓަކަށް 4،226،937.20 ރުފިޔާގެ ބަޖެޓެއް މިއަދު ފާސްކޮށްފި އެވެ.
ބަނޑޮސްއައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ކުރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާގައި އެ ބޯޑުގެ 14 މެންބަރުން ވަނީ ބައިވެރިވެފަ އެވެ. އަދި މި އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ކްރިކެޓްގެ އިންފްރާސްޓަރަކްޗާ ގާއިމް ކުރުމަށް ކަމަށެވެ. އެއަށް ފަހު ކުރިކެޓް ތަރައްގީ ކުރުމަށެވެ.
މިއަދުގެ ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރެވުނެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ބަންޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި އެ ބައްދަލުވުމުގައި ފުރަތަމަ ދަންފަޅީގައި އޮތީ ކުރިކެޓް ބޯޑުން 2010-2014 އަށް އެކުލަވާލާފައިވާ ސްޓެރެޓީޖިކް ޕްލޭންގައި ހިމެނޭ ކަންތައްތައް ފާއިތުވި ތިން އަހަރު ހާސިލްވި މިންވަރުބަލާ، ކުރިއަށް އޮތް ދެ އަހަރަށް ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމެވެ.
އެ ރިޓްރީޓްގައި ކުރިކެޓް ބޯޑުގެ އެކްސްކޯ މެންބަރުންނާއި ކުލަބުތަކުގެ މަންދޫބުންނާއި ކުރިކެޓް ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ބައިވެރިވި އެވެ. އަދި ސްޓެރެޓީޖިކް ޕްލޭން ރިވިއު ކުރުމުގެ ގޮތުން އެ ޕްލޭންގައި ހިމެނޭ މައިގަނޑު ފަސް ދާއިރާއަކުން ފާއިތުވި ތިން އަހަރު ހޯދައިފައިވާ ކާމިޔާބީތައް ވެސް މިއަދުގެ ޖަލްސާގައި ފާހަގަ ކުރި އެވެ.
މީގެއިތުރުން ކުރިއަށް އޮތް ދެ އަހަރަށް ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ހާސިލްކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ މަސްވަރާކޮށްފަ އެވެ.