16 Mar 2013, 17:23
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީޒްގައި ވާދަކުރައްވާ އުމަރު ނަސީރު ކެމްޕެއިން ޓީމުން އެ ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމުގެ އަގުވައްޓާލުމުގެ ގޮތުން ގަސްދުގައި ހަގީގަތާ ހިލާފް ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށް ބުނެ އެކަން ޔާމީންގެ ޔަގީން ޓީމުން ކުށްވެރިކޮށްފި އެވެ.
ޔާމީންގެ ޔަގީން ޓީމުގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު މިއަދު ސަން އަށް ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީގައި މިހާރު ވާދަކުރައްވަމުން ގެންދަވާ އުމަރު ނަސީރުގެ ކެމްޕެއިން ޓީމުން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވާހަކަ ދެއްކެވި ބައެއް ބޭބެފުޅުން ގަސްދުގައި ޔާމީންގެ އަގުވައްޓާލައި ޔާމީނާ ދޭތެރޭގައި އެ ޕާޓީގެ މެމްބަރުން ދެކޭ ގޮތް ބަދަލުކުރުމުގެ ގޮތުން ވާހަކަތަކެއް އޮޅުވާލައިގެން ދައްކާފައިވާ ކަމަށެވެ. އެގޮތުން ޔާމީން ރާއްޖެ އިން ބޭރުން 1.7 މިލިޔަން ޑޮލަރުގެ އަގު ހުރި ފްލެޓްތަކެއް ބައްލަވައިގެންފައިވާ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ނުދެއްކުމަށް އުމަރުގެ ޓީީމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ޝިފާގް ވިދާޅުވި އެވެ.
"ޔާމީން ސިންގަޕޫރުން 1.7 މިލިއަން ޑޮލަރުގެ އަގު ހުރި ފްލެޓްތަކެއް ގަތޭ ކިޔައިގެން ދައްކާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް. ޔާމީންގެ އެއްވެސް ބިމެއް ފެލެޓެއް އިމާރާތެއް ހާ ހިސާބުގައި ރާއްޖެ އިން ބޭރުގައި ވެސް އަދި ރާއްޖެތެރޭގެ ރަށެއްގައި ވެސް ނުހުންނާނެ. އެހެންވެ އެފަދަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ޔާމީންގެ އަގުވައްޓާލައި ޔަމީނާ ދޭތެރޭގައި ދެކޭ ގޮތް ބަދަލުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން. އަޅުގަނޑުމެން އެފަދަ ވާހަކަތައް ކުށްވެރި ވެސް ކުރަން. ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ ކެމްޕެއިން ޓީމުން ވާހަކަ ނުދައްކާނެހާ ޒާތީކޮށް ރޭގެ ޖަލްސާގައި އެކަންތައްތައް ދިއުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ޕާޓީގެ ރައީސް (މައުމޫން) ވެސް ދެ ކެންޑިޑޭޓުންގެ ކިބައިން ވެސް އިލްތިމާސްކުރައްވާފައި ވަނީ އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކާ ޒާތީ ގޮތުން ދިމާކުރުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ސިޔާސަތުތައް ޕާޓީގެ މެމްބަރުންނަށް ހާމަކޮށްދީގެން ތާޢީދު ހޯދުމަށް. އެގޮތަށް ޔާމީންގެ ކެންޕެއިންގެ ކަންތައްތައް ކުރިއަށް އެގެންދަވަނީ،" ޝިފާގު ވިދާޅުވި އެވެ.
ޔާމީން އެމްޑީޕީއާ އެކު ޑީލެއް ހަދައިގެން އުޅޭ ކަމަށް ބުނެ ވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވަމުން ގެންދާ ކަމަށާއި އޭގެ ހުއްޖަތެއްގެ ގޮތުގައި އެ ފަރާތުން ބުނަމުން ގެންދަނީ ޔާމީން ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވި ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުން ހުއްޖަތެއްގެ ގޮތުގައި މިދައްކަވަނީ ޔާމީން ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވި ވާހަކައެއްް. ނަމަވެސް ހަގީގަތަކީ ނަޝީދު ވެރިކަމުގައި ހުންނެވި އިރު ޔާމީން ނުވާނެ ނަޝީދުއާ ބައްދަލުކުރައްވާފައެއް. ޔާމީން ނަޝީދާ ބައްދަލުކުރެއްވީ މި އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަރުހަލާގެ ތެރޭގައި. އޭރު އެމްޑީޕީގެ ވިސްނުން ހުރީ ބަޖެޓް ފާސްކުރާ ގޮތަކަށް ނޫން. ބަޖެޓަށް ދޫދެއްވުމުގެ ވިސްނުމެއް އޭރު އެބޭފުޅުންގެ ނެތް. ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ ގައުމީ މަސްލަހަތު ހުރި ކަމެއް ކަމުގައި ވާތީ ސިޔާސީ ތައައްސުބުން އެއްކިބާވެ، އެކަމެއް ކުރުމަށް. އެހެންވެ އެކަމުގައި މަޝްވަރާކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެތް އެދިވަޑައިގަތުމަކަށް ޔާމީން އެމަނިކުފާނާ ބައްދަލުކުރެއްވީ، ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ އިސް ބޭފުޅުންގެ އިތުރުން ރައީސް މައުމޫންގެ ވެސް ލަފަޔާ އެކު،" ޝިފާގު ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެ ޓީމަށް ލިބިފައިވާ ކަމަށާއި ނަމަވެސް ޕްރައިމަރީގައި އުމަރު ކުރި ހޯއްދެވި ނަމަވެސް ޔާމީންގެ ޔަގީން ޓީމް އު މަރުގެ ފަހަތުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.