އިންޑިޔާގައި ސަލާމަތީގޮތުން އެންމެ ވަރުގަދަ އަދި މުޅި ދެކުނު އޭޝީޔާގައިވެސް ހުރި އެންމެ ބޮޑު ޖަލުގައި އަނެއްކާވެސް ގައިދީއަކު އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ ކަމަށް އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތް ތަކުން ބުނެފި އެވެ.

ކިޑްނެޕް ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އުމުރުން 30 އަހަރުގެ ރޭޝްމާ ކިޔާ އަންހެނަކު އަމިއްލައަށް ދަންޖެހިގެން މަރުވެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ތިހާރު ޖަލުގެ ގޮޅިއެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދިއްލީގައި ހުސްވި އަހަރުގެ ޑިސެންބަރު މަހުގައި ހަމީހަކުވެގެން 23 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހަމީހުންގެ ތެރެއިން ރާމް ސިންގު ނަމަކަށް ކިޔާ މީހަކު ހުސްވި ހަފްތާގައި ތިހާރު ޖަލުގައި އަމިއްލަ އަށް ދަންޖެހިގެން މަރުވެފައިވާ ހާދިސާއާ ގުޅިގެން ތިހާރު ޖަލުގެ ސަލާމަތީ ކަންތަކާބެހޭ ގޮތުން ގިނަބަޔަކު ދަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަމުންނެވެ. އަދި ރާމް ސިންގުގެ އާއިލާގެ މީހުން ތުހުމަތު ކުރާގޮތުގައި ރާމް ސިންގު މަރުވެފައިވަނީ އަމިއްލައަށް ނޫން ކަމަށާއި އެކަމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ވާކަމަށްވެސް އެ އާއިލާއިން ތުހުމަތު ކުރަމުން ދެއެވެ.

ދިއްލީގެ ތިހާރު ޖަލަކީ އިންޑިޔާގެ އިދާރާތަކުން ބުނާގޮތުގައި މުޅި އޭޝިޔާގައި ވެސް ހުރި އެންމެ ބޮޑު އަދި އިންޑިޔާގައި ހުރި އެންމެ ސަލާމަތީ ގޮތުން ވަރުގަދަ ޖަލެވެ. ފަންސާސް ވަނަ އަހަރު ވެފައިވާ އެ ޖަލުގައި ރަސްމީ ގޮތުން 6000 މީހުން ބޭތިއްބޭ ގޮތަށް ހަދާފައިވީ ނަމަވެސް 12000 މީހުން ބައިތިއްބާފައި ތިބޭ ކަމަށްވެ އެވެ. ސީސީޓީވީ ކެމެރާތަކާއި އަދިވެސް އެފަދަ ވަސީލަތްތަކުން ވަށާލެވިފައިވާ ސަލާމަތީގޮތުން އެހާ ވަރުގަދަ ޖަލެއްގައި ރާމް ސިންގު ފަދަ ބޮޑު ކުށްވެރިއަކު އަމިއްލައަށް މަރުވާން ފުރުސަތު ލިބުނީތީ އިންޑިޔާގެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފަ އެވެ.