މިރޭ އިރާކޮޅު ލ. ފޮނަދޫގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް ރުކަކަށް އަރައި ކާރުގައި ތިބި ބައެއް މީހުންނަށް އަނިޔާ ވެއްޖެ އެވެ.


ފުލުހުންގެ  ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިރޭ އިރާކޮޅު 9:00 ޖަހާ އެހާކަންހާއިރު ފޮނަދޫގައި ބާރަށް ދުއްވި ކާރު ގޮސް ރުކަކަށް އަރައި އޭގައި ތިބި ބައެއް މީހުންނަށް އަނިޔާތައް ލިބި އެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


ނަމަވެސް ކާރުގައި ތިބީ ކިތައް މީހުން ކަމާއި އެއީ ކޮންބައެއް ކަމެއް އަދި ވަނީސާފުވާ ގޮތް ނުވެފައެވެ.


ފޮނަދޫން ވާހަކަ ދެއްކި މީހަކު މި ރޭ ގަމުން އެ ރަށަށް އައި ކާރު އެކްސިޑެންޓްވީ އެ ރަށު ބަރާސިލު އަވަށު ސިރާޖުއްދީނު މަގުން  ވަރަށް ބާރަށް ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓި މަގުގެ އެއް ފަރާތުގައި އޮތް ކުނިގޮނޑެއްގެ މައްޗަށް އެރުމަށް ފަހު ރުކެއްގައި ވަރަށް ބާރަށް ޖެހިގެން ކަމަށެވެ.


އޭނާ ބުނީ އެ ކާރު ބާރަށް ދުއްވާފައި ވަނީ ފޮނަދޫގައި ދަނޑުހައްދަން އުޅުނު  ބަންގްލާދޭސްގެ ބަޔަކަށް ބިރުދައްކައި، އެ މީހުންގެ އަތުން ފައިސާތަކަކާއި ފޯނުތަކެއް ފޭރިގަތުމަށް ފަހު ފިލަން ދުއްވަނިކޮށް ކަމަށެވެ. ނަމަވެސް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ މައުލުމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.


ފޮނަދޫން މައުލުމާތު ދިން އެހެން މީހަކު ބުނީ ކާރުގައި ތިބި މީހުން  ބަންގުލްދޭޝް މީހުން އަތު ފައިސާ ފޭރި އެމީހުންނަށް އަނިޔާވެސް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފޮނަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.