16 Mar 2013, 16:11
އިންޑިޔާގެ މަދްޔާ ޕްރަދޭޝްގެ ސަރުކާރު ހަސްފަތާލެއްގެ ވޯޑް ބަލަހައްޓާ މީހެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު އެތަނުގެ ވޯޑެއްގެ ތެރޭގައި ދެއަހަރާ ބައިގެ ތުއްތު އަންހެން ކުއްޖަކު ރޭޕްކޮށްފި ކަމަށް އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތް ތަކުން ބުނެފި އެވެ.
ތުއްތު އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވަނީ، މަދްޔާ ޕްރަދޭޝްގެ ޝާޖާޕޫރާއި 30 ކިލޯމީޓާރު ދުރުގައި އޮންނަ ކަނަޑް ބަލްދާގައި ހުންނަ ސަރުކާރުގެ ހަސްފަތާލެއްގައި އެކުއްޖާގެ މާބަނޑު މަންމަ ވިހަންވެގެން އެނދުމަތި ކޮށްފައި ވަނިކޮށް އެތަނުން އެކުއްޖާ އަތުލައިގަނެގެން ކަމަށް ފުލުހުން ބުނެއެވެ.
ހަސްފަތާލުގައި އެކުއްޖާގެ މަންމަ އެނދުމަތި ކޮށްފައި އޮތް ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ކުއްޖާ ގެންދިއުމަށްފަހު ގަދަކަމުން އެތުއްތު ކުއްޖާގެ އިއްފަތްތެރިކަން ފޭރިގަނެ، ޖިންސީ އަނިޔާދީފައިވަނީ، އެތަނުގައި ވޯޑްތައް ބެލެހެއްޓުމުގެ މަސައްކަތްކުރާ ލަކަން ޔޯގީ ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާނަކު ކަމަށް ވެއެވެ. ތުއްތު ކުއްޖާ ބާރަށް ރޯއަޑު އިވިގެން އެތަނުގައި ތިބި މީހުންތައް އެ ކޮޓަރިއަށް ވައިން އިރު، އެ ފިރިހެން މީހާ އެ ނުބައި އިންސާނިއްޔަތާ ހިލާފު އަމަލު ހިންގުމަށްފަހު އެތަނުން ފިލައިގެން ގޮސްފައި ވާކަމަށާއި އެހެން ނަމަވެސް ފަހުން ފުލުހުންވަނީ އޭނާ އަތުލައިގެންފައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
އެވަގުތު އެތަނަށް ގިނަބަޔަކު އެއްވެ ނުރުހުން ފާޅުކޮށް ހަސްފަތާލުގެ ތަންތަނަށް ގަލާއި އެނޫންވެސް ތަކެތި އުކައި ބޮޑު ހަމަނުޖެހުމެއް ހިނގި ކަމަށާއި އަދި އެހިސާބުގަނޑުގެ ފިހާރަތައްވެސް ބަންދުކުރަން ޖެހުނު އިރު މަޝްރަޙް ފުލުހުންގެ ބާރުގެދަށަށް ގެންނަން ފުދޭވަރެއްގެ ގިނަ ވަގުތު ނެގިކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ތުއްތު އަންހެން ހުއްޖާ މިހާރުވަނީ މަދްޔާ ޕްރަދޭޝްގެ އުޖައިންއަށް އިތުރު ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި އިންޑިޔާގެ ވެރިރަށް ދިއްލީގައި ރިކްޝާ ދުއްވާ ކުމާރު ނަމަކަށްކިޔާ 30 އަހަރުގެ މީހަކު އޭނާގެ އަވައްޓެރި ގެއެއްގެ ކައިރީގައި ކުޅެން އުޅުނު ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކު އެކަހެރި ތަނަކަށް ގެންގޮސް އެކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ދިއްލީގެ ފުލުހުންވެސް ވަނީ މައުލޫމާތު ދީފަ އެވެ. އަދި އެމީހާ މިހާރު އަތުލައި ގަނެވިފައި ވާކަމަށާއި އެ ތުއްތު ކުއްޖާއަށް މިޙާރު ހަސްފަތާލުގައި ފަރުވާދެވި ރަނގަޅުވަމުން އަންނަ ކަމަށް ދިއްލީ ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.