16 Mar 2013, 15:53
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުން، މަޖިލީހުން ވަކިކުރި ކުރުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކަމުގައި ވިޔަސް ފަހުމީ އަލުން ރީ އިން ސްޓޭޓް (އަނބުރާ ރުޖޫއަ) ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ނުވަތަ އަލުން އޭނާ އެ މަގާމަށް ވަޑައިގަތުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީޙުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަށް މަގާމް ދިނުމާއި މަގާމުން ވަކި ކުރުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް އެއްވެސް ޝަރުއީ ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފު އިބާރާތުން ބުނެފައި ވާތީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކި ކުރުމަށް ނިންމި ނިންމުން އެއްވެސް ފަރާތަކަށް ބަދަލެއްވެސް އަދި ބާތިލު ވެސް ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގާނޫނު އަސީސީ އިން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް އެބަ އޮވޭ ރައްޔިތުންގެ މަޖިލީޙުން ނިންމާ ނިންމުމަކާ ބެހޭ ގޮތަކުން އެހެން އެއްވެސް ތަނަކުން އެއަށް ގޮތެއް ނުނިންމޭނެ. އެހެންވީމާ މަޖިލީހުގެ ނިންމުމެއް އަބަ އޮތް. އެއީ ފަހުމީ ވަކި ކުރުމަށް ނިންމި ނިންމުން. އެކަން ދެމި އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އަދި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަހުމީ އަލުން ރީ އިން ސްޓޭޓްއެއް ނުކުރެވޭނެ. އަޅުގަނޑުމެން މަޖިލީހުގައި އެކަމުގައި ލޮބީ ވެސް ކުރާނަން. އަދި އަޅުގަނޑުމެން އެދޭނީ އެތަނަށް އެހެން މީހަކަ އައްޔަން ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށް،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީގެ މައްސަލާގައި ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުމުގެ ބަދަލުގައި އެ މައްސަލަ ކޮމެޓީ މަރުހަލާގައި ކުރިއަށް ގެންގޮސްފައިވާ ގޮތާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނިންމާފައިވާ އެއްވެސް ނިންމުމެއް ރައްޔިތުންގެ މަޖިލިސް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއް ގާނޫނު އަސާސީއާ ހިލާފު ވޭތޯ ބަލައި ގާނޫނު އަސާސީއާ ތައާރުޒުވާ މާއްދާއެއް ބާތިލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ނިންމާ އެފަދަ ނިންމުންތައް ކޯޓުތަކުން ބާތިލު ކުރަން ވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހަކަށް ދުވަހަކު ވެސް މިނިވަން މުއައްސަސާއެއްގައި ހުންނަ މީހަކު ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ނުރަނގަޅު ސަގާފަތެއް ގާއިމް ވެގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަހުމީ އަލުން ރީ އިން ސްޓޭޓް ކުރެވޭ ކަމަށްވާ ނަމަ ކުރީގެ އޮޑިޓާ ޖެނަރަލް ވެސް އަލުން ރީ އިން ސްޓޭޓް ކުރަން ޖެހޭނެ. އަލުން އެ މަގާމަށް ގެންނަން ޖެހޭނެ. އެހެން ވެއްޖީއްޔާ ވަރަށް އެހެން ކަހަލަ ޕްރްސީޑެންޓެއް އޭރަށް ގާއިމް ވެގެން އެ ދަނީ. އެހެން ވެއްޖީއްޔާ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމަށް އޮންނަ އޮތުން އެ ގޮތަށް ކޯޓުތަކުން ނިންމަން ވެއްޖީއްޔާ ދުވަހަކު ވެސް ރައްޔިތުންގެ މަޖިލީހަކަށް މިނިވަން މުއައްސަސާ އެއްގައި އެޅޭ މީހަކު ވަކި ނުކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފަހުމީ އަލުން ރީ އިން ސްޓޭޓް ކުރުމާ ބެހޭ ގޮތުން އިބޫ އިތުރަށް ވިދާޅުވީ މަޖިލީހުން އަލުން ފަހުމީ އެ މަގާމަށް އައްޔަން ކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި އެ ކަމަށް ވޯޓެއް ނަގައި ފަހުމީ އަށް އަލުން އެ މަގާމް ދިނުމަށް ފާސް ކުރުމަށް ފަހުގައި ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫގެ ވާހަކަ ތަކަށް ރައްދު ދެއްވައި ފަހުމީގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވީ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެމަތިންް ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަަހުގެ ނިންމުން ކަމުގައި ވާތީވެ، ރައްޔިތުންގެ މަޖިލީޙުން ވެސް ސްޕްރީމް ކޯޓުގެ އެ ހުކުމަށް ހުރުމަތްތެރިކޮށް ހިތައި ބޯލަނބަން ޖެހޭނެކަމަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ނިންްމުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކު ވެސް ހުރުމަތްތެރިކޮށް ހިތައި ކިޔަމަންވާންްޖެހޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ އެ ހުކުމްގެ ހުރުމަތް ކަނޑައި ސުޕްރީމް ކޯޓުގެ ނިންމުމަށް ވުރެ މަތީ ނިންމުމެއް ގާނޫނު އަސާސީއަށް ބަދަލުގެނެސްގެންް މެނުވީ ނުނިންމޭނެ ކަމަށް ވެސް ލޯޔަރު ވައްޑޭ ވިދާޅުވި އެވެ. އަދި އެ ހުކުމަށް ހުރުމަތްތެރިކޮށް ނުހިތައި، ކިޔަމަން ނުވެއްޖެނަމަ ސުޕްރީމް ކޯޓުގެ އެ ހުކުމުގެ ހުރުމަތް ކަނޑާލި ނުވަތަ ކަނޑާލާ ބަޔަކާ މެދު ފިޔަވަޅު އެޅުމާއި ނޭޅުމަކީ ސުޕްރީމް ކޯޓުގެ އަމިއްލަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ލޯޔަރު ވައްޑޭ ވިދާޅުވީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖލީޙުގެ ނިންމުން ބާތިލް ކުރުމާއި ގުޅިގެން ފަހުމީ އަލުން އެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުޖޫޢަ ކުރަން ނުޖެހޭނެ ކަމަށެވެ. މާދަމާ ފަހުމީ އޭނާގެ ވަޒީފާއަށް ރަސްމީ ކޮށް ނުކުތުމުގެ ހައްގު ފަހުމީ އަށް ލިބިގެންވާ ކަމަށާއި އަދި މާދަމާ އޭނާ ވަޒީފާއަށް ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ލޯޔަރު ވައްޑޭ ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ފަހުމީ އަށް ގުޅާލުމުން އޭނާ ވިދާޅުވީ އެ މައްސަލާގައި މި ވަގުތު މީޑިއާ އަށް އެއް ވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކި ކުރި ކުރުން ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފަހުމީ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ. އަދި ފަހުމީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކާ މެދު އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.