16 Mar 2013, 14:53
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރިއަތް މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ ގާނޫނުލް އުގޫބަތުގެ 81 ވަނަ މާއްދާގެ ދަށުން ޖަލީލުގެ މައްޗަށް ކޮށްފައިވާ، ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ދައުވާގެ ޝަރީއަތް އޮންނާނީ މާދަމާ ހަވީރު 4:00ގައި ކަމަށެވެ. އަދި މިހާރު އޭނާ އަށް ޗިޓް ފޮނުވާފައިވާ ކަމަށް ވެސް މީޑިއާ ޔުނިޓުން ބުންޏެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ފަށާފައި ނުވަނީ މޫސާ އަލީ ޖަލީލުގެ ޝަރީއަތް އެކަންޏެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ދައުވާ އިއްވުމުން އެ ތިން ބޭފުޅުން ވެސް ވަަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.
ތޮލްހަތު ދައުވާ އަށް އިންކާރު ކުރެއްވުމާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީން ކަމަށްވާ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް އަތީފްގެ ހެކިބަސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ނަގާފަ އެވެ.
އިބްރާހީމް ދީދީގެ މައްޗަށް ކޮށްފައިވާ ދައުވާގެ ދެވަނަ ޝަރީއަތުގެ މަޖިލީސް މި މަހުގެ ތެރޭގައި ބާއްވާ އިރު އެ ދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ނެގުން ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ވަނީ ބުނެފަ އެވެ.
ކާނަލް ޒިޔާދު ވަނީ ދައުލަތުގެ ދައުވާއަށް އިންކާރު ކުރެއްވުމަށް ފަހު ދައުވާ ކުރުމުގައި ހަމަހަމަ އުސޫލެއް ޕްރޮސެކިއުޓާ ޖެނެރަލް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ކުރިން ބުނެފަ އެވެ.